ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމަށް އިތުރު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. މި މަޤާމަށް މިއަދު އައްޔަން ކުރައްވާފައި ވަނީ އަޙުމަދު ސަމީރެވެ.

ސަމީރަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިސް ފަރާތެކެވެ. އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވި ގޮތުގައި މި މަޤާމަށް ސަމީރު އައްޔަން ކުރައްވާފައިވަނީ މިއަދުއެވެ. އަދި މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ އޭނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވާފައެވެ.

މީގެކުރިންވެސް، އެކި ފަރާތްތައް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައެވެ. އެގޮތުން މިނިސްޓަރެއްގެ ފެންވަރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަޤާމަށް އަލީ ޒާހިރު އައްޔަން ކުރައްވާފައިވެއެވެ. ހަމައެހެންމެ، އަޙުމަދު ނަސީމް (ކެރަފާ ނަސީމް) އާއި އަލީ ޝިޔާމް އަދި މުޙައްމަދު ޝިފާޒެވެ. މިއީ އެމްޑީޕީގައި އިސް ދައުރެއް އަދާކުރައްވާ ފަރާތްތަކެކެވެ.

ހަމައެހެންމެ، ރައީސް ސޯލިހު ގެންދަވަނީ ސަރުކާރުގެ އެކި ޒުވާރާތަކަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރުކާރުގެ މަތި ބަރުވުމަކީ ރައީސާއި ނައިބުރައިސްގެ ބޯބަރުވުންކަމަަަށްވާނަމަ ރަގަޅު ޑަކުޓަރުން ތިބެ ބޭނުންވަގުތަކު ބޭނުންތަނަކުން ބޭސްކުރެވޭހާދުވަހު ސަރުކާރުގެ މަތި ބަރެއްނުވާނެ

  2. ހަހަހ .. މިރާއްޖޭގަދެންދުވަސްކޮޅަކުން ތިބޭނީ ހުސްމިނިސްޓަރުން.

  3. ރަނގަޅު ދެއްތޯ ޚަރަދު ކުޑަކުރަން އިސްރާފް
    މަދުކުރަން ކަރަޕްޝަން ނައްތާލަން ވައްކަން
    ހުއްޓުވަން ތަރައްގީ މެކުހަށް ޖަހަން އައި
    ސަރުކާރުގައި ރައީސް އޮފީހުގައި 500 ވަރަކަށް މިނިސޓަރުން ތިބުމަކީ މައްސލައެއް ނޫންތާ
    މާލޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ
    މިނިިސްޓަރުން ގިނަ ނުވަންޏާ އޯކޭ