ޤައުމީ މަންހަޖުގައި ހިމެނޭ ކީ ސްޓޭޖް ހަތަރަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޓްރެއިނިންގ އިފް ޓްރެއިނަރސް ވޯކްޝޮޕެއް މިއަދު އިފްތިތާހު ކޮށްފިއެވެ.
ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކުރިއަށް ގެންދާ މި ވޯރކްޝޮޕް އިފްތިތާޙް ކޮށްދެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢައިޝަތު ޢަލީއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ކީ ސްޓޭޖް 4 އަކަށް މުދައްރިސުން އަހުލުވެރި ކުރުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ މިވޯރކްޝޮޕްގައި ޓީޗަރ ރިސޯސް ސެންޓަރުތަކާއި، މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުން 100 ޓީޗަރުން ބައިވެރިވެއެވެ.
މި 100 ޓީޗަރުން އިޚުތިޔާރު ކުރުމުގައި ސައިންސާއި ބިޒްނަސް ކިޔަވައިދެއްވާ މުދައްރިސުންނަށް އިސްކަންދީފައިވާކަމަށްވެސް މިނިސްޓްރީ އިން ވިދާޅުވިއެވެ.
މި ވޯރކްޝޮޕްގެ ސެޝަންތައް ނަގައިދޭ ޚާއްޞަ ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އާއި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް އާއި ބިލަބޮންގހައި އިންޓަރނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ އިތުރުން ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް ގެ ބޭފުޅަކު ހިމެނިވަޑައި ގަންނަވައެވެ.
ހަމައެހެންމެ، އެންއައިއީ އާއި ރާއްޖޭގެ ކޮލެޖްތަކުގައި ކިޔަވައިދެއްވާ ސީނިއަރ ޓިޗަރުންވެސް މި ވޯރކްޝޮޕްގައި މުހިންމު ބައިތަކެއް ކިޔަވައިދޭނެއެވެ.
އުނގަންނައި ދިނުމުގައި، ސައިންސާ ޓެކްނޮލޮޖީ އެންމެ ފުރިހަމަޔަށް ބޭނުން ކުރުމާއި 21 ވަނަ ޤަރުނުގެ ހުނަރުތަކާ އުކުޅުތައް ބޭނުންކޮށްގެން ދަރިވަރުން ގަޔާވާ ގޮތަށް ކިޔަވައިދިނުން ބައްޓަން ކުރާނެ ގޮތްތައް މި ވޯރކް ޝޮޕްގެ ބައިވެރިންނަށް އުނގަންނައި ދެވޭނެކަމަށް އެޑިއުކޭޝަނުން ވިދާޅުވިއެވެ.
މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މި ވޯކްޝޮޕް ކުރިއަށް ދަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައެވެ.