2014 ވަނަ އަހަރު ޔަމަނުގެ ސަރުކާރު ބަދަލުވެ ދެން އުފެދުނު ސަރުކާރާއި ދެކޮޅަށް ޢަރަބި ކޯލިޝަނެއް އުފެދި ދެ ފަރާތުގެ މެދުގައި ޙަމަލާތައް ބަދަލުކުރަން ފެށިއެވެ. އަދި މި ކޯލިޝަނަށް އެމެރިކާއިން އައީ ހަތިޔާރު ފޯރުކޮށްދީ، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހަތިޔާރު ނަގައިގެން ތިބި ހޫތީންނާއި ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ ވަރުގަދަ ހަމަލާތައް ފޭން ފެށިއެވެ،

ޔަމަނަށް މިހާރު ދިމާވެފައިވާ ބަނޑުހައި ހޫނުކަމުގެ އަސްލު ފެށުން ކަމަށް ވެފައިވަނީ ހޫތީންނާއި ޔަމަން ސިފައިން އަރަބިންގެ އެހީ އާއި އެކު ކުރެވޭ ހަނގުރާމައެވެ. މިއަދު ޔަމަނުގައި ދިރިއުޅޭ ހަތްދިހަ ފަސް އިންސައްތަ އަށް ވުރެ ބޮޑު އާބާދީއެއް ވަނީ އެހީތެރިކަމަށް ބޭނުންވެފައެވެ. އަށާވީސް މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މި ބޮޑު އާބާދީގައި ހިމެނޭ ބާވީސް މިލިއަން މީހުންވަނީ ހާލުގައި ޖެހިފައެވެ. އަދި މީގެތެރެއިން ބާރަ މިލިއަނަށްވުރެ ގިނަ މީހުންނަކީ ވަގުތީ އެހީ ނުލިބިއްޖެ ކަމަށްވަނީނަމަ އެމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ޙާލުގައި ތިބި މީހުންނެވެ.

އެހީދޭ ބައެއް އިންޓަރނޭޝަނަލް ޖަމްޢިއްޔާތަކުން މަޢުލޫމާތު ދޭ ގޮތުގައި ޔަމަނުގެ އެއްލައްކަ އާއި ގާތްކުރާ އަދަދަކަށް ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. ގިނަ އަދަދެއްގެ ހެލްތް ސެންޓަރުތައް ވަނީ އެއްކޮށް ހަލާކުވެފައެވެ. ޚިދުމަތްލިބޭ ހޮސްޕިޓަލް ތަކުގައިވެސް ބޭހާއި، ބޭސް ކުރުމަށް ބޭނުންކުރާ ވަޞީލަތްތަކާއި، މުވައްޒަފުންގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ. މިހެންވުމުގެ ސަބަބުން ޞިއްޙީ ޙާލަތު ދަށްވެ، ކޮލެރާއާއި މި ނޫންވެސް ނުރައްކާތެރި ބަލިތައް ހަލުވިކަމާއި އެކު ފެތުރި، އެތައް ބަޔަކު ވަނީ މަރާ ހަނގުރާމަ ކުރަންޖެހިފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެއް މިލިއަނާއި ގާތްކުރާ އަދަދަކަށް ކޮލެރާ ޖެހިފައިވާ އާއްމު ރައްޔިތުން ޔަމަނުގައި އެބަ ތިއްބެވެ. އަދި މީގެތެރެއިން ފަންސަވީސް އިންސައްތައަކީ ކުޑަކުދިންނެވެ. މި ބަލިމަޑުކަމުގައި އެތަށްހާސް ބަޔަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

މި ޙާލަތާއި ގުޅިގެން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ޖަމްޢިއްޔާތަކަށްވެސް ވަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ޕާރޓުނަރެއްކަމަށްވާ، އީހާހާ މެދުވެރިކޮށް މި ފުރުޞަތު މިހާރު ވަނީ ދިވެހިންނަށް ހުޅުވިގެން ގޮސްފައެވެ. ރާއްޖޭގައިވެސް މި ދިޔަ އަހަރުގެ ނޮވެމްބަރ 21 ވަނަ ދުވަހު މި ކެމްޕެއިން ވަނީ އިފްތިތާޙު ކޮށްފައެވެ.

"ހެލެޕް ޔަމަން މޯލްޑިވްސް" ގެ ނަމުގައި ފެށި މި ކެމްޕެއިންގައި މިހާތަނަށް ރާއްޖޭގެ 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ކުންފުނި ތަކާއި ކައުންސިލްތަކާއި ޖަމްޢިއްޔާތައްވެސް ހިމެނެއެވެ. މި މަސައްކަތާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އައި.އޭ.ސީ ގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މިއަދަކީ ކެމްޕެއިންގެ އެންމެ ފަހު ދުވަސް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. މިއީ ވަރަށް ކާމިޔާބު ކެމްޕެއިނެއް ކަމަށާއި ޔަމަނުގެ ޙާލުގައި ޖެހިފައިވާ ނިކަމެތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށްވެސް ނާއިފު ވިދާޅުވިއެވެ.

"އަލްޙަމްދު ﷲ. އަޅުގަނޑުމެންގެ އަމާޒަކަށްވީ ދެ މިލިއަން ރުފިޔާ ހޯދުން. އިންޝާ ﷲ އެ އަދަދު އަޅުގަނޑުމެންނަށް ހަމަކުރެވޭނެ. އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އިންޝާ ﷲ އެކަމުގެ ހެޔޮ ޖަޒާ މާތް ﷲ ދެއްވާނެ." ނާއިފު ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ނާއިފު ވިދާޅުވީ، ކުރީގެ ކެމްޕެއިން ތަކާއި ޚިލާފަށް މި ކެމްޕެއިނަށް ދިވެހި ސަރުކާރުގެ ފަރާތުންވެސް އެހީތެރިކަން ލިބެމުން އަންނަކަމަށާއި މިއީ ރަނގަޅު ފެށުމެއްކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދިވެސް އިންސާނީ މިފަދަ އެހީތެރިކަން ބޭނުންވާ އިސްލާމީ ޤައުމުތައް އެބަ ހުރި ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށްވެސް ނާއިފު ވިދާޅުވިއެވެ.

ޔަމަން ފަންޑަށް ދިވެހިން މިހާތަނަށް ވަނީ 1.8 މިލިއަން ރުފިޔާ ހަދިޔާ ކޮށްފައެވެ.

މީގެ ކުރިން ވެސް އެކި ގައުމުތަކުގެ މުސްލިމުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި ދިވެހިން ވަނީ މިސާލު ދައްކާފައެވެ.