ހުކުރު ރޭ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ ލ.މާމެންދޫ ޝިމާ ނާފިޒް ގަދަވެ ސަލާމަތުން ހުއްޓާ ފެންނާނެ ކަމަށް އެދި ﷲގެ ހަޒުރަތުގައި ދުއާ ދަންނަވާ ކަމަށާއި، އާއިލާއަށް ހިތާމަވެރި ވަގުތުގައި ކެއްތެރިކަމާއި ހިތްވަރު މިންވަރު ކުރެއްވުން އެދޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ އެހެން ވިދާޅުވީ މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ. ހުކުރު ދުވަހުގެ ރޭ، އިތުރު މީހަކާއެކު ލ. ފޮނަދޫން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ފުރޮޅާލާ ޝިމާ ގެއްލުނު އިރު، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އިންޑިއާގެ ހެލިކޮޕްޓަރުގައި މިއަދު އެކަނިވެސް ފަސް މޭލުގެ ސަރަހައްދެއް ބަލާފައިވާ އިރު، އެމްއެންޑީއެފްއިން ބުނެފައި ވަނީ ހެލިކޮޕްޓަރުގެ އިތުރުން ކަނޑުމަގުން ކޯސްގާޑްގެ ޝިޕް ހުރަވީ އާއި ކޯސްޑްގާޑްގެ ޑައިވަރުންގެ އިތުރުން ކަނޑު އަޑި ބެލުމަށް ހާއްސަ ޑައިވިން ރޮބޮޓް ބޭނުން ކުރަމުން ގެންދާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުގައި ޑިންގީ އަދި މީހެއްގެވެސް އަސަރެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ހުކުރު ދުވަހުގެ ރޭ އިތުރު މީހަކާއި އެކު ޑިންގީއެއްގައި ލ.ފޮނަދޫ އިން ލ.މާމެންދޫ އަށް ދަތުރު ކުރަމުން ދަނިކޮށް ޝިމާ ގެއްލުނު ހާދިސާ ރިޕޯޓް ކުރި ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެނެތި ދަނީ ކުރަމުންނެވެ.

ނަމަވެސް ޝިމާ ހޯދުމުގެ މަސައްކަތުގައި އަދި ކުރިއެރުމެއް ނުލިބެއެވެ.

ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ އާއި އެކު ދަތުރު ކުރި ފިރިހެން މީހާ ވަނީ ޑިންގީގެ ޕެޓްރޯލް ޓޭންކް ޝިމާ އަތައް ދިނުމަށް ފަހު ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައެވެ. އޭނާ ރިސޯޓަށް އަރާ އެހީއަށް އެދުމުން ލޯންޗް ބަންޑުން ޖަހާލި ސަރަހައްދަށް ދިޔަ އިރު އެސަރަހައްދުގައި ޝިމާ ފެންނާކަށް ނެތެވެ.

ފިރިހެން މީހާގެ ވާހަކަތަކަށް އިތުބާރު ނުކުރެވޭތީ އާދީއްތަ ދުވަހު، ލ. މާމެންދޫގެ ރައްޔިތުންނާއެކު ސިފައިން ވަނީ ފަޅު ދެރަށް ކަމަށްވާ ލ. ގާދޫ އަދި ލ. ހުޅިމެންދޫވެސް ބަލާފައެވެ. ޝިމާގެ ހިލަމެއް ވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަމަރީ

    ޕޮލިހުން ޝިިމާާގެ ބެލެނިވެރިންނާާ ސުވާާލު ކުރަން ވެއްޖެއެއްނު މިހާާރު ކޮންމެވެސް ކަމެއް ވެގެން ދޯ އެ އުމުރު ކުއްޖަކު އަބަދު އެހެން އެއްރަށުން އަނެއްރަށުން ފިލާގެން އުޅޭނީ ،ބައްޕަ އެހާ ގޯސް ވީީމަ ކުދިން ނުހުންނާނެ ބަފާމީހަ ދަރިން ގަޔައް އަރަންޔާ އެކުދިން ފިލާގެން އެޅޭނީ ،އެރޭ ވެސް ފިލާގެން ދާން އުޅެނިކޮށްް ވީ ކަމަކަށް ވަނީ

    9
    2