"ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ބާއްވައި، އާކް އަށް އެއްލައްކަ އަށް ވުރެ ބޮޑު އެހީއެއް ދީފިއެވެ.
ހަތަރު އުމުރުފުރާ އަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި، އަދި 10 އަހަރާ 13 އަހަރާ ދެމެދުގެ 300 ކުދިންނާއެކު ޖުމްލަ 2000 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވި "ބީއެމްއެލް ވައު ކިޑްޒް ރަން" އަކީ ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދުވުމެކެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވުނު މި ދުވުމުން ކުރިއަށް ގެންގޮސްފައިވަނީ 2 ކިލޯމީޓަރ، 3 ކިލޯ މީޓަރ އަދި 4 ކިލޯ މީޓަރގެ ދިގުމިނަށެވެ.
މި ދުވުމާ ގުޅުވައިގެން ބީއެމްއެލް އިން ތައާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމް މެދުވެރިކޮށް، ދުވުމުގައި ބައިވެރިވި ކުދިން އެއްކުރި 250،105 ރުފިޔާ ވަނީ އާކް އާ ހަވާލުކޮށްފަ އެވެ. މި ފައިސާ އާކް އާއި ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފްއެވެ.
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދިން އިރު ދުވުން ނިންމާލީ ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ.
ފަންޑް ރައިޒިން މެދުވެރިކޮށް ލިބުނު މި ފައިސާ އާކް އިން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ކުޑަކުދިންނަށް ބުލީ ކުރުމާ ދެކޮޅު ކެމްޕޭން 'ބީޓް ބްލީން' އަށްކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
މިއީ ޖެހިޖެހިގެން މި ދުވުން ބޭއްވުނު ހަތަރުވަނަ އަހަރެވެ.