ދޯންޏެއްގައި ހިނގި މާރާމާރިއެއްގައި ވަޅިން ހަމަލާ ދިނުމަށް ފަހު މީހަކު ކަނޑަށް އެއްލާލި މައްސަލަގާއި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ވަޅިން ހަމަލާ ދިނުމަށް ފަހު ކަނޑަށް އެއްލާލީ ރ. މަޑުއްވަރީ މީހެކެވެ. އަދި އެ ދޯންޏަކީވެސް އެރަށަށް ނިސްބަތްވާ ލަނޑާ ނަގާ ދޯންޏެކެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެ ދޯނީ ތެރޭގައި ހިނގި މާރާމާރީގައި އޭނާ ކަނޑަށް އެއްލާލުމުން، ފަތާފައި އއ.މާޅޮހަށް އެރީ ކަމަށެވެ. އަދި އޭނައަށް އެރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށާއި، އިތުރު ފަރުވާ އަށް އޭނާ މާލެ ގެނެސް ފަރުވާދެމުންދާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާކު ބުންޏެވެ.

އޭނާގެ ހާލު ސީރިއަސް އެވެ. އޭނާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

ފުލުހުން މިއަދު ހެނދުނު ވިދާޅުވީ އޭނާ ޒަހަމްވެފައިވަނީ ލަނޑާނަގަން އުޅުނު ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ކަމަށެވެ. އޭނާގެ ގައިގާ ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާކަމަށް މިހާތަނަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އަދި ބަޔަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.