ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ ސުލޫކީ މައްސަލައަކާއި އިތުރު ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބާއި ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ ސުލޫކީ މައްސަލައެއް ބަލަން ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށެވެ.
"ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 22.1 ވަނަ މާއްދދާގެ (ބ) ގައި ވާ ފަދައިން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، އިއްޔެ ކޮމިޝަންގެ ބައްދަލުވުމަށް ތާވަލުކުރެވުނު މައްސަލަތަކުގެ ތެރެއިން އެކޮމިޓީން ބަލައިގަތުމަށް ނިންމާފައިވާ މައްސަލަތަކަށް ތަހްޤީޤު ކޮމިޓީ އެކުލަވާލެވުނު" ޖޭއެސްސީ ގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖޭއެސްސީއަކުން އެ މައްސަލަތަކާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދ. ޖުޑީޝަލް ދާއިރާ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާޤު މުހައްމަދު ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާތީ އެ ދާއިރާ ހިންގުން ދ. ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްގާދިރު އާދަމްއާ ހަވާލު ކުރަން ވެސް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ތިން ފަނޑިޔާރުގެ ތެރެއިން ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަ ބަލަން މިއަދު ޖޭއެސްސީން ނިންމާފައިވާއިރު، އެ ކޮމިޝަނުން މީގެ ކުރިންވެސް ވަނީ ޝުޖާއުގެ އެހެން މައްސަލަ ބަލަން ނިންމައި ކޮމިޓީއެއް އެކުލަވާލާފައެވެ.
މިފޮޓޯއިން މިފެއްނަމަސްތޫރު މީހާދަނުލަފާވައްތަރުޖަހާމީހެއް