ކޮވިޑް-19ގެ ސަބަބުން ބަންދު ކުރެވިފައިވާ ގެސްޓްހައުސް ވިޔަފާރިތައް އަލުން ހުޅުވާލާއިރު، އެތަންތަން މެއިންޓެނެންސް މަސައްކަތް ކުރުމަށް ސްޓިމިއުލަސް ޕެކޭޖްތަކެއް އެކުލަވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ ގެސްޓްހައުސް ތަކަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭ ގޮތުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީ އާއިއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުންގެ މައިގަނޑު ޝަކުވާއަކަށް ހަދާފައިވަނީ އެ މީހުންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައި ގަނެވޭނެ ގޮތެއް ފެންނަން ނެތުމެވެ. އަދި މި ހާލަތު އޮއްވާ ވެސް ކަރަންޓު ބިލާއި ފެން ބިލް ފަދަ ޔޫޓިލިޓީ ބިލްތައް ދައްކަން ޖެހިފައިވުމުން މާލީ ގޮތުން ދަތިތަކާ ކުރިމަތިވަމުންދާ މައްސަލަތަކެވެ. އަދި އެކަމަށް ހައްލެއް ހޯދަމުން އަންނަ ކަންވެސް މިނިސްޓްރީން ފާހަގަ ކޮށްފައިވާ ކަމަށް ގޭމް އިން ވިދާޅުވިއެވެ.

އަންނަ މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވާލާއިރު، ގިނަ ކަންބޮޑުވުންތަކެއް ހުރިކަންވެސް ގޭމްއިން ވަނީ ފާހަގަ ކޮށްފައެވެ.

ގޭމް އިން ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވާލާއިރު، ކައުންސިލްތަކާއި ގެސްޓްހައުސް އަދި އެރަށެއްގެ ޓޫރިޒަމް ތަމްސީލު ކުރާ ޖަމްއިއްޔާތައް ގުޅިގެން ގެސްޓްހައުސް ހުޅުވާލުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އަދި ގެސްޓްހައުސް މި ނަން "ބޯޓިކިއު ހޮޓެލްސް" އަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައި އެކަމުގެ މަސައްކަތް ކުރަމުން އަންނަ ކަންވެސް ގޭމް އިން ވަނީ ފާހަގަ ކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއަށް ގިނަ ފްލައިޓްތަކަށް މިދަނޑިވަޅުގައި ބޭނުންވާ ކަމަށާއި އެނޫން ގޮތަކަށް ފަތުރުވެރިކަން ފަށަން ގިނަ ގައުމުތަކުން މިހާލަތުގައި ތައްޔާރު ނޫންކަންވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ބައްދަލުވުމުގައި އެ ކަންކަން ހައްލު ކުރަން މަސައްކަތް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވެފައިވާ ކަމަށް ގޭމް އިން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ގެސްޓްހައުސްތައް އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވަން ނިންމާފައެވެ. ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންއެއް ގެނާއިރު 600 އަށްވުރެ ގެސްޓްހައުސް އޮޕަރޭޝަންގައި ހުއްޓެވެ. އަދި މިހާލަތުގައި ގިނަ ގެސްޓްހައުސްތަކުގެ ވިޔަފާރި ވަނީ އެއްކޮށް ހުއްޓިފައެވެ.