ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް ރާއްޖޭގައި ތިބި 300 ލެބް ޓެކްނޮލޮޖިސްޓުންނަށް ހައްގުވާ މިންވަރު ދޭން ޖެހޭ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެ އިން މިހާތަނަށް 9،818 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، ބަލިން ރަނގަޅުވީ 8،438 މީހުންނެވެ. މި ބަލީގައި 34 މީހުން ނިޔާވެފައިވާ އިރު، މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ ސުންކު ނަގާފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ ސުންކު ނަގައެވެ.

ބޮންޑޭ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 675ރ. ގެ ރޭޓުން ހަދަން ފެށި، ކޮވިޑް ޕީސީއާރު ޓެސްޓް 2،800ރ. ގެ 200 އިންސައްތަ ފައިދާ ހުރި ވިޔަފާރިއަކަށް ބަދަލުވެފައިވާ ކަމަށެވެ. ބަލިމަޑުކަމާ ގުދުރަތީ މުސީބާތުން ފައިދާ ނަގާ މާލީ މަންފާ ހޯދުމަކީ ބޯދާ ޒަމާނުގައި ވެސް އިންސާނުން އުޅުނު ގޮތެއް ނޫން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކޮވިޑް ޕީސީއާރު ޓެސްޓް 200 އިންސައްތަ ފައިދާވާ މެގަ ވިޔަފާރިއަކަށް ބަދަލުވެގެން ދިޔަ އިރު، "ލޮލު ފިޔަ" ނުޖަހާ މެގަ ޕްރޮފިޓް ހޯދައިދޭން އަދި ބަރާބަރު ވަގުތަށް ފަތުރުވެރިން ރާއްޖޭން އެނބުރި ގައުމަށް ފުރުވާލަން އެންމެ ބޮޑު އެހީތެރިކަމެއްދޭ ލެބް ކުދިންގެ މުސާރައަކީ އެންމެ 5،610ރ. ކަމަށެވެ.

ފަތުރުވެރިޔާ ރާއްޖޭން ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 ގެ ޓެސްޓު ނައްސި ވެފައިވާ ލިޔުން ތައްޔާރު ކުރުމަށް ކޮންމެ ރިޕޯޓަކަށް 180 ޑޮލަރާ 100 ޑޮލަރާ ދެމެދުގެ ފީއެއް ނަގާ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

"ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް ރާއްޖޭގައި ތިބި 300 ލެބް ޓެކްނޮލޮޖިސްޓުންނަށް ހައްގުވާ މިންވަރު ދޭންޖެހޭ،" ބޮންޑޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގަގަ

    މި ނޫނީ ދުވަހަކުވެސް ސިޔާސީ މަގާމެއްގައި ހުރި މީހަކު ލެބްޓެކްނޮލޮގިސްޓުންގެ ހައްގުގައި އެއްޗެއް ބުނާއަޑެއް ނާހަން. ޝުކުރިއްޔާ

  2. ކަނބާ

    ބަލިމަޑުކަމަކާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ސިއްޙީ ވަޞީލަތްތައް ހޯދުމުގެ ބަދަލުގައި ރައްޔިތުންގެ މާލިއްޔަތު ދަވާލައި ، ރައްޔިތުން ޙާލުގައި ޖެއްސި ސަރުކާރެއް ބޯދާ ޒަމާނުގައިވެސް އުފެދިފައެއް ނުވެއެވެ. ނަމަވެސް މިސަރުކާރު ވްނީ މިހުރިހާ ކަމެއްވެސް ކޮށްފައެވެ.

  3. މަދިހާ

    ކަލޭމެއް މަޖުލީހުގައި ތިބެ ބޭކާރު އަގަތަޅައިގެން ހޯދާ ފައިސާ ހަލާލުވާނެތޯ؟

  4. އަހްމަދު

    ބޮންޑޭ މިސަރުކާރުންދޭހައްގުމިންވަރުއެއީ ރައްޔިތުންބަލައިގަންނައެއްޗެއްނޫން ހައްގުމިންވަރުގެވާހަކަ ތިބޭފުޅުން ރަނގަޅުވާނީ ނުދެއްކިއްޔާ މަސްވެތިންނައްވެސް މިހާއެއޮތީހައްގުމިންވަރުދެއްވާފައެހެންނޫންތޯ

  5. މެމްބަރުންގެ މުސާރަވެސް ބޮޑުތަނުން ކުޑަކުރަން ފެނޭ

    ތިއީ ރަނގަޅު ވާހަކައެއް.
    އެކަމަކު މެމްބަރުންނަށް ހައްގުވާވަރަށްވުރެ މާބޮޑަށްވެސް ލިބޭ. ލެބް އެސިސްޓެންޓުންނާއި އެހެނިހެން ވަޒީފާގެ 1000% ނަގާތާ ކިތައް ދުވަސް ވެއްޖެބާ؟ ޢާންމު މީހާއަށް 5000/- ލިބޭއިރ، މަޖިލިސް މެމްބަރެއްގެ މުސާރަ އެހާ މަތިވެގެން އުޅޭ ސަބަބެއް ނޭނގޭ