އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާއި ޖޯޑަންގެ ޔޫތް ޑިވެލޮޕްމެންޓް އޮގަނައިޒޭޝަން (އަރޯރާ) ގުޅިގެން ކުރިޔަށް ގެންދާ 'އޭއެފްސީ އަރޯރާ އީގޯލް' ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޔޫތު ލެވެލްގެ ދެ ކުޅުންތެރިނަށް ލިބިއްޖެއެވެ.

މި ޕްރޮގްރާމަށް ހޮވުނު ރާއްޖޭގެ ދެ ކުޅުންތެރިންނަކީ 19 އަހަރުން ދަށުގެ އަންހެން ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ އައިޝަތު ސިިއުނާ އާއި 16 އަހަރުންދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ފާލިލް ފާއިގް އެވެ.

މިއީ އޭއެފްސީ ޔޫތް ސޯޝަލް ރެސްޕޯންސިބިލިޓީ އެމްބެސެޑަރ ޕްރޮގްރާމުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބުނު ފުރުސަތު ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމަށް ހޮވުނު އައިޝަތު ސިއުނާ ބުނީ މި ޕްރޮގްރާމުން ފުޓްބޯޅައާއި ގުޅޭ މައުލޫމާތު އެނގިގެންދާނެ ކަމަށާއި ރަނގަޅު އެމްބެސެޑަރެއްގެ ގޮތުގައި އެހެން އަންހެން ކުދިން ބާރުވެރިކުރުވާ، އަންހެން ކުޅުންތެރިންނަށް ފުޓްބޯޅައިގައި ހުރި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.

މި ޕްރޮގްރާމަށް ހޮވުނު މުހައްމަދު ފާލިލް ފާއިގް ބުނީ މިއީ ލިބުނު ބޮޑު ފަހުރެއް ކަމަށާއި، އުއްމީދަކީ މި ޕްރޮގްރާމުން އާ ކަންކަން ދަސްކުރުން ކަމަށެވެ. އަދި މިއީ ރަނގަޅު ތަޖުރިބާއަކަށް ވާނެކަމަށްވެސް ބުންޏެވެ.

ސޯޅަ އަހަރުންދަށުގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ ފާލިލް

އަދި މި ޕްރޮގްރާމުން ދަސްވާ ކަންތައްތަކަކީ މުސްތަގުބަލަށް ފައިދާ ކުރާނެ އަދި ދަސްވާ އާ ކަންތައްތައް ރާއްޖޭގެ ފުޓްބޯޅަ ކޮމިއުނިޓީ އާއި ހިއްސާކޮށް ރަނގަޅު ބަދަލެއް ގެނެދެވިދާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ފާލިލް ބުންޏެވެ.

އޭއެފްސީ އާއި އާރޯރާއިން ގުޅިގެން ހިންގާ މި ސޯޝަލް ރެސްޕޯންސިބިލިޓީ ޕްރޮގްރާމުގައި އޭޝިއާގެ 30 ގައުމަކުން 60 ކުޅުންތެރިން ބައިވެރިވެއެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް އޭއެފްސީ ޔޫތް ސޯޝަލް ރެސްޕޯންސިބިލިޓީ އެމްބެސެޑަރު ކަމުގެ ސެޓިފިކެޓް ލިބިގެންދާނެ އެވެ.