ދޫނިދޫ ޖަލަށް ސިއްރުން އެއްޗެހި ވައްދަން އުޅުނު ކަމަށް ތުހުމަތު ކުރެވިގެން 2011 ވަނަ އަހަރު ފުލުހުންގެ ވަޒީފާ އިން ވަކިކުރި މީހަކަށް ވަޒީފާ ދޭން ސިވިލް ކޯޓާއި ހައިކޯޓުން ކޮށްފައި އޮތް ޙުކުމެއް ބާތިލްކޮށް، އޭނާ އަށް ވަޒީފާ ދޭން ނުޖެހޭކަމަށް މިއަދު ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

ފުލުހުންގެ ކޮންސްޓަބަލެއްގެ ވަޒީފާގައި ހުއްޓާ ވަކިކުރި އަޒުހަރު ރަޝާދު ނަމަކަށް ކިޔާ މީހަކު ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރިއިރު ސިވިލް ކޯޓާއި ހައިކޯޓުން އޮތީ އޭނާ ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އަލުން އޭނާ އަށް ވަޒީފާ ދިނުމަށް ޙުކުމް ކޮށްފައެވެ. އެޙުކުމް ގަބޫލު ނުކުރެވިގެން މައްސަލަ އިސްތިއުނާފު ކުރީ ދައުލަތުންނެވެ.

އަޒުހަރު ރަޝާދު ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ދޫނިދޫ ގޮޅިއަކުން ފެނުނު ފޯނަކުންނާއި އެހެން ނަމްބަރަކުން އޭނާ އާއި މުހާތަބު ކޮށްފައިވާ މެސެޖްތަކެއް ފެނުމުންނެވެ.

އަޒުހަރު ރަޝާދު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ އެ މައްސަލައިގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަހަށް ރިއާޔަތްކުރުމުން އަޒުހަރު ރަޝީދު ދޫނިދޫ ކަސްޓޯޑިއަލް ބައިގައި ޑިއުޓީ އަދާކުރަމުން ގެންދިޔަ ދުވަސްވަރު ގަވާއިދާ ޚިލާފަށް ޖަލަށް ތަކެތި ވެއްދުމުގައި އެހީތެރިވާކަމަށް އެކަށީގެންވާ ހެކިތައް ލިބިފައިވާތީ، މިކަމަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ފުލުހެއްގެ ކިބައިން ފެނިގެން ނުވާނެ އަދި ފުލުހުންގެ ގާނޫނާއި ގަވާއިދާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުކަމަކަށް ވާތީވެ، ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދާއި ހަވާލާދީ މައްސަލައިގެ ކުޑަބޮޑު މިނަށާއި، މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް ވަޒީފާ އިން ވަކިކުރަން ނިންމީ ކަމަށެވެ.

ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ މައްޗަށް ހިނގަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު، ގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކާއި މިންގަނޑުތައް ނޫންކަންކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ. "ފުލުހުންނަކީ، ހުވައެއް މަތީގައި ތިބެ، ގާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ބަޔަކު ކަމަށްވާތީ، ގާނޫނު ތަންފީޒުކުރުމާއި އަމަން ބެލެހެއްޓުމާ ގުޅޭކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުން ދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބުކަމަށްވާއިރު، އެ ވާޖިބާ ފުށުއަރާ ފަދަ ގޮތަކަށް ފުލުހެއްގެ އަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށްވާތީވެ، ފުލުހުންގެ ގަވާއިދުތަކާއި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވޭތޯ ބެލުމުގައި ރިއާޔަތްކުރާނޭ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިއާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ." ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް އަޒުހަރު ރަޝާދު ހާޒިރުކޮށްފައި ނެތްކަމާއި، އެހެންކަމުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން ބޯޑުން އޭނާއަށް ހާމަކޮށްފައިނުވާ ކަމާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމަށް ޖަވާބު ދިނުމުގެ ފުރުސަތު ދީފައި ނެތް ކަމަށެވެ.

އެހެންކަމުން މިމައްސަލައިގައި އިޖުރާއީ އަދުލްވެރިކަން ގާއިމުވެފައި ނެތް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް މިމައްސަލައިގައި މައުޟޫއީ އަދުލްވެރިކަން ގާއިމު ކުރެވިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ޙުކުމް ކުރީ އަޒުހަރު ރަޝާދަށް ވަޒީފާ ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް އޭނާ އަށް ދެމަސް ދުވަހުގެ މުސާރަ ދޭން ޖެހޭނެ ކަމަށެވެ.

ފަހަކަށް އައިސް ސުޕްރީމް ކޯޓުން ވަނީ ވަޒީފާ އާއި ގުޅޭ ވަރަށް ގިނަ މައްސަލަތައް ނިންމާ، ވަޒީފާ އަލުން ދިނުމާއި އަދި ބަދަލު ނަގައި ދިނުމާއި ގުޅޭ އުސޫލުތައް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ތ

  ފުލުހުންގެ އިސްވެރިއަކަށް މިވަގުތު ހުރީ ފުލުހުންގެ ސިއްރުހާމަ ކުރި މީހެއް ސިފައިންގެ އިސްވެރިއަކަށް ހުރީ ސިފައިންގެ ސިއްރުހާމަ ކޮށް ގަނޑު ބަޑު ކުރަން އުޅުނު މީހެއް އެމީހުނގެ މައްސަލަ ނުބެލޭ ކިހާ ހެއްވާ އަޖައިބު ވެ އަންތަރީސް ވޭ އަދި މުހައްމަދު ރިޔާޒު ކިޔާ ފުލުސް އޮފިސަރުވެސް އަނބުރާ ވަޒީފާ އަށް ނެރުނީ މީހަކު ހައިރާނެއް ނުވާނެތަ މީތަ ޖަޒީރާ ދިރިއުޅުން އެޖެންޑާ ނަވާރަ

  9
  2
 2. މަބޭ

  ފުލުހުންގެ ގާނޫނާހިލާފުވާ ވަކިބަޔަކައް ވަޒީފާވެސް ލިބޭ ތީކޮންކަހަލަ އަދުލުއިންސާފެއް.

  10
  2
 3. އަހްމަދު

  މިވެރިކަމުގަ ތިޔައޮތީވަޒީފާއިންވަކިކޮށްފަ ދެންމިވެރިކަމުގަޝާމިލްވާބަޔަކުތިބެގެން ތިނޫންގޮތަކަށްނުނިމޭނެދޯ

  5
  1
 4. އައްޑޫ މީހާ

  ތިތަނަށް ފަނޑިޔާރުންގެ ގޮތުގައި ލާފައިތިބި ގަސްބުޑުތަކަށް ފެންނަގޮތަކަށް ހުކުމް ކުރަންވީ އިންސާފް ލިބޭނީ ފައިސާވެރިންނަށް ނިކަމެތިން އިންސާފްގެ މަތިން ހަނދާންވެސް ކުރާނެ ކަމެއްނެތް ހަގީގަތަކީ މިއީ ވަޒީފާއާއި ބެހޭ ގާނޫނަކީ ފުލުހުންނަށް ވީމަ އިސްތިސްނާ ވާއެއްޗެކޭ ކިޔާފައި ހުރިހާ ހައްގުތަކަކުން މަހުރޫމް އެބަކުރޭ ދޭންޖެހޭ ޗުއްޓީވެސް ހިތުހުރިގޮތަކަށް ވެރިމީހާއަށް ފެންނަވަރަކަށް ދީފައި ދޭން ބޭނުން ނުވީމަ ނުދީ އެއީ އިންސާނުންނެއް ނޫނީތޯ؟ ދެން އިހުސާސްތައް ފަޅައިގެން ދިޔައިމަ ބުނާނެ ބަޢާވާތް ކުރީއޭ

  8
  2
 5. އާސިދާ

  ރަނގަޅު ތިޔަކަހަލަ ފުޅުހުން ވަރަެއް ގިނަވޭ އެބަ ވަޒީފާއިން ވަކިކުރޭ ލަސްވެސްވެއްޖެ..އަދަބުވެސްދީ ކޮބާ އެސޮރުކޮއްގެން ހުރިހުވާ..

  4
  3
  • ުއއ

   ކަލެއައް ހާދަ ވަރެކޭ ދޯ ތިވަނީ.
   ކަލޭ ކައިރިއަށް ވަދެފަ ކޯޅިފަ ފިލީތަ އަނެއްކާ ފުލުހަކު

   1
   1
 6. ބަކުރުބެ

  މައްސަލަ ހުށަހެޅުނީ 2011 މައްސަލައިގަ 3 މަރުޙަލާ ނިމުނީ 2020 ގަ. ދިވެހި ރާއްޖޭގެ އިންސާފު . މަގޮލާ ހީހީ ހުވާ.