ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީގައި މަރާލި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އުދައްޔުގެ އިތުރުން އޭނާ ބޭބެއަށް ހަމަލާދީ، ޒަހަމްކޮށްލި އެވެ. އެ ހަމަލާގައި ނިޔާވީ އުދައްޔު އެވެ. އޭނާގެ ބޭބެ އަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އިމްރާން ވިދާޅުވީ، ހައްގަކާ ނުލާ ފުރާނަ ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި، ބޮޑުވެގެންވާ ކުށެއް ކަމަށެވެ.

"ދިވެހި ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހައްމަލު ކުރާނެ ކަމެއް ނޫން". މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިހާތަނަށް މި މާރާމާރީއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މަރާލި އުދައްޔުގެ ކަރުގެ އިތުރުން ހަށިގަނޑުގެ އެހެން ބައެއް ތަންތަނަށް ވެސް ވަނީ ވަޅިން ހަމަލާ ދީފައެވެ.