(ހއ. އުތީމު) ޖަޒީރާ މުތްތަކެއް ފަދައިން އަތުރާލެވިފައިވާ މި ކުޑަކުޑަ ރާއްޖޭގައި އުފެދިފައިވާ ގުދުރަތީ ރަށްތަކުގެ ތެރެއިން ތިލަދުންމަތީ އުތުރުބުރީގައި އޮންނަ ހއ.އުތީމަކީ ދިވެހި ތާރީޚުގެ މުއްސަނދިކަމުގެ އެތައް ރަމްޒެއް އޭގެ އަސްލާ އެއްގޮތަށް ފެންނަން ހުރި ތާރީހީ "ކިއްލާ"އެކެވެ. ފުރަ މާލެ އާއި 296.63 ކިލޯ މީޓަރު ދުރުމިނުގައި އޮތް އުތީމަކީ ރާއްޖޭގެ މުއްސަނދި ތާރީހުގެ މައި އެއް ބަހާއޭ ބުނުމަކީ ހަމަ ގައިމުވެސް ދޮގަކަށް ނުވާނެއެވެ.

ހއ.އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ ރަށްތަކުގެ ތަރުތީބުން ބަލާ ނަމަ 12 ވަނަ އަށް އޮތް އުތީމުގެ ބޮޑުމިނަކީ 49.1 ހެކްޓަރެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދޫއާ ހަ ކިލޯމީޓަރުގެ ދުރުމިނެއް އޮތް އުތީމަކީ ދިއްދޫއާ އެންމެ ކައިރީ މީހުން ދިރިއުޅޭ އެއް ރަށެވެ. ރަށުގައި ރެޖިސްޓްރީ ވެފައިވާ އާބާދީ އަށް ބަލާ ނަމަ އުތީމަށް އުފަން 967 މީހުން އެބަތިއްބެވެ. އެއީ 482 ފިރިހެނުންނާއި 498 އަންހެނުންނެވެ. މިހާރު ރަށުގައި ރަޖިސްޓްރީ ވެގެން ތިބީ 20 ވަރަކަށް ބިދޭސިން ކަމަށް ވާއިރު ރަށުގައި އިމާރާތް ކުރުން ފަދަ މަސައްކަތްތަކަށް އައިސް އުޅޭ ބިދޭސީން ކޮންމެވެސް ވަރަކަށް ދިރިއުޅެމުން ގެންދެއެވެ.

ހއ. އުތީމު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށަށް ހާއްސަ "ކަނަމަދު މެޓާ" ގަނޑަކީ ރަށުގެ އަންހެންވެރިން ވަރަށް ފުރިހަމައަށް ތައްޔާރު ކުރާ ފޮނި އެއްޗެކެވެ. އަތޮޅުގެ އެހެން ރަށްތަކެކޭ އެއްފަދައިން އުތީމަށްވެސް ވަނަމެއް އޮވެއެވެ. "އުތީމު ކޮރަކަލި" ނުވަތަ "ކޮރަކަލި" ކިޔާފައި އަތޮޅުގެ އެހެން ރަށްތަކުގެ މީހުން މިރަށު މީހުންނާ ސަމާސާ ކުރުމުގެ ގޮތުންް މުހާތަބު ކޮށް ހަދައެވެ.

މި ރަށް ދިވެހިންނާއި ގުޅުވައިދޭ އަސްލަކީ އެ އަބްތާލަކަށްޓަަކައި ދިވެހިންގެ ހިތުގައި ފުން ގަދަރެއް ދެވިފައިވާ ބޮޑުތަކުރުފާނުން ކަމާމެދު ޝައްކެއް ނެތެވެ. މި ރަށުގެ ފަސްގަނޑުގައި ބިންވަޅުނެގިފައި ވަނީ މި ދިވެހި އުންމަތް ފަހުރުވެރިވާ ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު (ބޮޮޑުތަކުުފާނު)ގެ ޒިކުރާތަކެވެ. މި ލޮބުވެތި ފަސްގަނޑު ޕޯޗުގީޒުންގެ ވިހަ ވަކިތަކުން ރާއްޖެ މިނިވަންކޮށްދެއްވައި ދިވެހި އިސްތިގުލާލު އެ ފުރެތިކާލުންގެ މުށުތެރެއިން ނެރެދެއްވި އުތީމު ތިންބެއިންގެ ޅަފަތުގެ ދިރިއުޅުން ހަނދާނުގެ ފަތްފުށުގެ ތެރެއަށް ދޫކޮށްލި ރަށަކީވެސް މިއީއެވެ. މިއީ ރާއްޖެ މިނިވަންކަމާއެކު މި ޖީލާ ހަމަ އަށް ވާސިލްކޮށްދިނުމުގެ ނަމޫނާ ދެއްކެވި، ގައުމީ ޖޯޝުން ފުރިގެންވާ އުތީމު ތިންބެއިން އެ ރަށަކަށް އުފަން ފަޚުރުވެރި ރަށެކެވެ.

ހއ. އުތީމު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގަދީމީ ތާރީޚެއް އޮތް އުތީމު މަގްބޫލުވެފައި ވަނީ ރާއްޖޭގެ ތާރީޚުގެ ކުލަވަރު ގަދަ ރަށެއްގެ ގޮތުގައެވެ. މި ރަށުގައި ހުރި ތާރީޚީ ތަންތަނުގެ ތެރެއިން އުތީމު ބޮޑުތަކުރުފާނުގެ އާއިލާ ދިރިއުޅުއްވި ގަނޑުވަރާއި އުތީމުގައި ބޮޑުތަކުރުފާނުގެ ބައްޕާފުޅުގެ ނަންފުޅު ހިމެނޭ ގޮތަށް ވަރަށް ފުރިހަމަ މިސްކިތެއް މި ރަށުގައި އެބަހުއްޓެވެ. އެގޮތުން ބަލާާ ނަމަ، އެންމެ މުހިއްމު ތަނެއްގެ ގޮތުގައި މިރަށުން ފާހަގަކޮށްލެވެނީ 1573 މ. ގައި ޕޯޗްގީޒުންގެ އަތުން ރާއްޖެ މިނިވަންކޮށްދެއްވި އުތީމު ތިންބެއިންގެ ގަނޑުވަރެވެ. އެވޭލާ ޒަމާނުގެ ގިނަ ތަކެތި ރައްކާ ކުރެވިފައިވާ މި ގަނޑުވަރު ބަލައިލުމަކީ ކޮންމެ ދިވެއްސަކު ވެސް ކުރަން ޖެހޭ މުހިއްމު ކަމެކެވެ.

މިރަށުގައި އޮންނަ "ބަޑިފަސްގަނޑު" ކިޔުނު ސަރަހައްދާއި، ބޮޑުތަކުރުފާނު ބިނާކުރެއްވި އުތީމު ކަނދުވަލު މިސްކިތް، އުތީމު ކަޅުއަލީ ޚަތީބު ތަކުރުފާނާއި އޭނާގެ ދަރިކަލުން ޙުސައިން ޚަތީބު ތަކުރުފާނުގެ މަހާނަފުޅުގެ އިތުރުން ބޮޑުތަކުރުފާނު ފޭރާންވިޔަން ޖެއްސެވި ކަޑައިން ހެދިފައިވާކަމަށް ބުނާ ކާނިގަސް ވެސް އެއީ ފާހަގަކޮށްލެވޭ ތަންތަނެވެ. އަދި ކުރިން ރަށުގެ ބޯދާ ތާރީހު ރަމްޒުކޮށްދިން ބައެއް ތަންތަން މިހާރު ވަނީ ދީލާލާފައެވެ. އެގޮތުން އުތީމު ތިންބެއިންގެ ތުއްޕުޅު ހަޔާތް ހޭދަކުރެއްވި ތުނޑި މިހާރު ވަނީ ގިރައިގެން ގޮސްފައެވެ. ބޮޑުތަކުރުފާނާއި ތިން ބެއިން އެބޭކަލުންގެ ހުސް ވަގުތުތަކުގައި މި ތުނޑީގައި މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕެވިކަން ތާރީހީ ފަތްފުށްތަކުން ހެކި ދެއެވެ. އުތީމަކީ މިއަދުވެސް ބޮޑުތަކުރުފާނު ކޮށްޓަވައިދެއްވި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މަގުން ހިނގަމުންދާ އެކުވެރި ބަޔަކު ދިރިއުޅޭ ވަތަނީ ރަށެކެވެ.

އުތީމު ގަނޑުވަރު | ވަގުތު އިމޭޖަސް - އިބްރާހިމް ޝާބިލް

އަދި ހަމައެހެންމެ ހީވާގި ރައްޔިތަކު ދިރިއުޅެމުން އަންނަ އުތީމުގެ ކަނބަލުންގެ ހީވާގިކަމާއި މުރާލި ކަމުގެ ވާހަކައަކީ މުޅި ރާއްޖެ ދެކެފަރިތަ ވާހަކައެކެވެ. އެގޮތުން ފަންގިވިނުމާއި، މަދު ތެޅުން ފަދަ ކަވި މަސައްކަތްތަކުގައި މަސްއޫލުވެ އުޅޭ ކަނބަލުން މިރަށުގައި ނިސްބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ. އަދި މުޅި ރަށް އެއް ވާނަކަށް ކުނިކަހާ ސާފުކޮށްފައި އޮތް އޮތުން މި ރަށުގެ ކަނބަލުންގެ ގެވެހިކަމުގެ ހެއްކަކަށް ފުދެއެވެ.

މި ރަށުގެ ރައްޔިތުން އާއްމުގޮތެއްގައި ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އިމާރާތް ކުރުމުގެ މަސައްކަތާއި، ރިސޯޓްތަކުގައި ވަޒީފާ އަދާ ކުރުމުގެ އިތުރުން ވަޑާމުގެ މަސައްކަތެވެ. ގެސްޓު ހައުސް ވިޔަފާރީގެ ކުލަމަތި ރަށުން ފެންނަން ފަށާފައިވާއިރު ކޮންމެ އަހަރަކުވެސް އެވެރޭޖް ގޮތެއްގައި 6،000 މީހުން މިރަށަށް ޒިޔާރަތް ކުރެެއެވެ. މީގެ ތެރެއިން 5،000 މީހުންނަކީ ދިވެހިން ކަމުގައިވާއިރު ބާކީ އޮތް ހާހަކީ ފަތުރުވެރިންނެވެ. މި އެންމެން ކަހަލަ ގޮތަކަށް އުތީމު ގަނޑުވަރަށް ޒިޔާރަތް ކޮށްފައި މެނުވީ ރަށުން ފައިބައިގެނެއް ނުދެއެވެ.

ހއ. އުތީމު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަށުގައި ލިބެން ހުންނަ ހިދުމަތްތަކަށް ބަލައިލާއިރު، މިރަށުގައި ގްރޭޑް 10 އާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ވަނީ ސަރުކާރުން ފަހިކޮށްދީފައެވެ. ރަށު ސްކޫލްގައި މިވަގުތު ތައުލީމް ހާސިލްކުރަމުން ދަނީ 155 ދަރިވަރުން ކަމުގައިވާ އިރު، ދަރިވަރުންނަށް އުނގަންނައިދޭން 21 މުދައްރިސަކު ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން ހަ މީހުންނަކީ ބިދޭސީންނެވެ. އުތީމުގެ ސިއްހީ ހިދުމަތަށް ބަލާ ނަމަ ލެވެލް ދޭއްގެ ސިއްހީ މަރުކަޒެއްގެ ހިދުމަތް ރަށުން ލިބެއެވެ. ސޯޅަ ގަޑިއިރަށް ހުޅުވާފައި ހުންނަ މަރުކަޒުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ އެއް ޑޮކްޓަރަކާއި ދެ ނަރުހުންނެވެ.

މި ރަށުގައި ހިނގަމުންދާ މަޝްރޫޢުތަކާއި ނިމުނު މަޝްރޫޢުތައް އަދި ޕްލޭންކޮށްފައިވާ މަޝްރޫޢުތައް ހިމެނޭ ގޮތަށް މި ރަށުގައި 11 މަޝްރޫޢުގެ މަސައްކަތެއް ކުރުމަށް މި އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި އަދި ސަސްޓެއިނެބްލް އެނަރޖީގެ މަސައްކަތާއި ފެނުގެ ނިޒާމްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިކްހާ

    "މަދު ތެޅުން" ތިހެން ހެދީމަ އެއްވެސް ބޭނުމެއް ނުކުރެވި ޗަސްވެ ފުނޑު ފުނޑުވެފައި ހުންނާ... އެކަމަކު ކަނަމަދު ކޭކު އަޅަން ވަރަށް ފަސޭހަވާނެ.