އައްޑޫ ސިޓީން ކޮވިޑް-19 ޖެހުނު އެންމެން ރަނގަޅުވެއްޖެއެވެ.

އައްޑޫގައި މިދިޔަ މަހު ކޮވިޑް-19 ފެތުރެން ފެށި ފަހުން 92 މީހަކު ބައްޔަށް ފައްސިވިއެވެ. އަދި ހަ މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ. އެކަމަކު އެ ހުރިހާ އެންމެން ވެސް މިހާރު ރަނގަޅުވެފައިވާ ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވަނީ ހާމަކޮށްފައެވެ.

އެ ސިޓީން ކޮވިޑްގެ ވޭދަނައެއް ނުފެންނަތާ ގިނަ ދުވަސްވުމާ ގުޅިގެން އެ ސިޓީގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ވަނީ އުވާލައިފައެވެ.

އައްޑޫގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވީ ހުޅުމީދޫންނެވެ. ހުޅުމީދޫގައި ހުރި އެމްޓީސީސީ ސައިޓުން އެކަނި ވެސް 35 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ހިތަދޫ އިން ވެސް 22 މީހަކު ކޮވިޑަށް ފައްސިވިއެވެ.

އައްޑޫގައި ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު މިހާރު ވަނީ 12،000 އަށް ވުރެ މައްޗަށް އަރައިފައެވެ.