ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަގާމުތަކުގެ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އަންނަ ހޮނިހިރު ދުވަހަށް އެންމެ ފުރަތަމަ ތާވަލުކުރި މި އިންތިޚާބު ހަތަރު މަހަށް ފަސްކުރަން މި ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން އިންތިޚާބު ފަސްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވަނިކޮށެވެ.
އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ސެޕްޓެމްބަރު 25 އަށް އިންތިޚާބު ފަސްކުރިޔަސް އިންތިޚާބުގައި ވާދަކުރެވޭނީ މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ލިޔެކިއުންތައް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް ކަމަށެވެ.
މި ގޮތުން ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ އާ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތެއްގައި ތަހުގީގީ އިދާރާއެއްގައި މައްސަލައެއް ބަލަމުން ނުދާ މީހަކަށް ވާން ޖެހެއެވެ.
ރައީސް ސޯލިހް އެކުލަވާލައްވާފައިވާ އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުންނާއި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ނަން ނުހިމެނޭ މީހަކަށް ވެސް ވާން ޖެހެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓު މަޖިލީހުން އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ވެސް އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ބައެއް ފަރާތްތަކުގެ ނަންތައް ހިމެނެއެވެ. އެ ބަޔަކަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
މި ގޮތުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މާލެ ސިޓީގެ ރައީސް ކަމަށް ވާދަކުރައްވާއިރު، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާދަކުރައްވައެވެ. މި ދެ ބޭފުޅުންގެ ނަން ވެސް ޚިޔާނާތުގެ ތުހުމަތުވާ މީހުންގެ ލިސްޓުގައި އެބަ އޮތެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ ހަވީރު އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ވަނީ ޚިޔާނާތާ ދުރު ބަޔަކު އެ ޕާޓީގެ ގައުމީ މަޖިލީހަށް އިންތިޚާބު ކޮށްދޭން އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ދުވަހަކުވެސް ނުބޭއްވުނިއްޔާރަގަޅީ
ތީމިގައުމްގެހަލާކް
މިރާއްޖެއިން ތިބާގަޑު ސަލާމައްކުރައްވާޝި
ފެނުނަސް ފޫހިވޭ
މީކޮންފަދަ މުސީބާތް އެއްމިގައުމްއައްޖެހިފާވާ މިބާގަޑުން މިގައުމްއިންސަލަމައްކުރައްވާށި އާމިން
މިބައިގަޑުން ރާއްޖެ ސަލާމަތް ކުރައްވާށި ، އާމީން