ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށެވެ. އެ ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 11:00 އިން މެންދުރުފަހު 03:00 އަށެވެ.
މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ހާމަކުރެއެވެ.
އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ހާމަކުރެއެވެ.
މި ވަގުތުގައި އެކި ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ.