ނަފުރަތުގެ އަމަލުތައް އިތުރަށް ބަޔާން ކުރަން ހުށަހަޅާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކަށް ފަހު ބިލު ކުރިއަށް ވުރެ ގޯސްވެފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ބިލަށް ކޮމިޓީން ގެނައި އެއް އިސްލާހަކީ އާގީދާއާ ގުޅިގެން މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް އޮތް މާއްދާ އުނިކުރުމެވެ.

އޭގެ ބަދަލުގައި ވަރަށް ތަފްސީލް ގޮތެއްގައި ބަޔާން ކޮށްފައިވާ މާއްދާތަކެއް ބިލަށް އިތުރުކުރިއެވެ. މި ގޮތުން އިސްލާމް ދީނުގައި ހިމެނޭ ކަންކަމުގައި އިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ ކަމެއްގައި ވަކި ގޮތެއް މީހަކު ނެގުމުން އޭނާ ކާފަރު ކުރުމުގެ ތުހުމަތުކޮށް އަނިޔާއެއް ދިނުމަށް ގޮވާލުމަކީ ކުށެއް ކަމުގައި ލިޔުނެވެ.

މި ގޮތަށް މި ބިލު ގެނައީ ކޮމިޓީގައި ތިއްބެވި ދެ ގާނޫނީ ވަކީލުން ކަމުގައިވާ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްއާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފުޅާ ދާއިރާއެއްގައި ބަހުސްތަކެއް ކުރެއްވުމަށް ފަހު ދެ ފަރާތަށް ޚިޔާލު އެއްގޮތްވާ ގޮތެއްގެ މަތިންނެވެ.

ބިލަށް ގެނައި އިސްލާހުތަކައި ގުޅޭ ގޮތުން ޝަހީމް ވަނީ ފޭސްބުކްގައި ދިގު ޕޯސްޓެއް ކުރައްވާފައެވެ. ބިލުގެ 127 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވީ، އިސްލާމީ ފިގުހުގައި އުފެދިފަ ހުންނަ ކޮންމެ ހިލާފަކީ މުއުތަބުރު ހިލާފެއް ނޫން ކަމަށެވެ. އަދި މުއުތަބަރު ހިލާފަކީ ގަބޫލުކުރެވޭ ދަލީލުތަކުގެ މައްޗަށް ބިނާވެފަ ޡައްނިއްޔާތުގައި އުފެދިފަވާ ހިލާފުތައް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޤަޠުޢީ ކަންކަމުގައި އިލްމުވެރިއެއްގެ ހިލާފު ބަލައި ނުގަނޭ. ކިތައްމެ ބޮޑު އިލްމުވެރިޔަކަށް ވިޔަސް އޭނާގެ ޝާއްޛު ރައުޔުތައް އަގީދާއާއި ފިގުހުގައި ވެސް ބަލައި ނުގަނޭ" އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޝަހީމް ވިދާޅުވިއެވެ.

ބިލަށް ދެވަނަ އަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވީ، ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް މުސްލިމެއްގެ ކިބައިން ފާޅުވުމުން ޝަރުތުތަކަކާ މަވާނިއުތަކަށް ނުބަލައި އަދި ތަހުގީގުކުރުމެއް ނެތި ކާފަރެއް ނުކުރެވޭނެ ކަމަށެވެ.

"ބުނި ބަހެއް ނުވަތަ ކުރިކަމެއްގެ ޙަރާމްކަމުގެ ދީނުގެ ޙުކުމް އޭނާއަށް އެނގޭތޯ އަމިއްލަ އިޚުތިޔާރުގަތޯ އެކަމެއްކުރީ؟ އެ ހަރާމްކަމެއް އޭނާ ހުއްދަކުރޭތޯ؟ އެކަމެއް ކުރީ ގަސްތުގައިތޯ؟" ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި ޝަހީމް ވިދާޅުވިއެވެ.

މަވާނިޢުތަކަކީ، ޖާހިލުކަމާއި، ތައުވީލުކުރުން އަދި މަޖްބޫރު ހާލަތަށްވާއިރު އެފަދަ ހާލަތެއްގައި ހުރި މީހާ ކާފަރު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީހަކު ބޭނުންހާ ގޮތަކަށް އަނެކާ މުރުތައްދެއް ނުކުރެވޭނެ ކަމަށާއި، އެއީ އަގީދާގައި ވަރަށް ބޮޑުކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަން ކުރުން އެންމެ އައުލާވެގެންވަނީ ފުންނާބު އުސް ޢިލްމުވެރިން ނުވަތަ ޝަރުޢީ މަރުޙަލާއިން ކަމަށްވެސް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކެރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވިއެވެ.

މުސްލިމަކު އެކަންކަމެއް ކުރުމުން އިސްލާމްދީނުން ބޭރުވާކަންކަން ހުރެގެން ކަމަށާއި، މި ވެނި އަމަލަކީ ކުފުރުގެ ޢަމަލެއްކަމުގައި ބުނުމާއި ވަކި މީހަކު އައްޔަންކޮށް އޭނާއަކީ ކާފިރެއްކަމުގައި ބުނުމާ މިއީ ތަފާތު ދެކަމެއް ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިހާރު ބިލުއޮތް ގޮތުން ފުރައްސާރަކުރުން އާންމުވުމުގެ ބިރު އެބައޮތެވެ.

"ހިސާން ހުށަހެޅުއްވި އިރަށް ވުރެ ވެސް މިހާރު ތިއޮތީ ގޯސްވެފަ. އެންމެ ރަނގަޅު ގޮތަކީ ކުފުރާއި އަގީދާގެ ކަންކަމުގައި ތިގޮތައް ގާނޫނު ނުހަދައި ޝަރީއަތުގަ ހުރި އުސޫލުތަކާއި ޟަވާބިޠުތަކަށް އެކަންކަން ދޫކޮށްލުން" އޭނާ ވިދާޅުވިއެވެ

އެކަންކަން ހިމަނައިގެން ގާނޫނެއް ހަދާ ނަމަ ހަދަންޖެހޭނީ އެއިން މައްސަލަ ނުނިކުންނާނެހެން ރަނގަޅަށް ދިރާސާކޮށް ހަރުދަނާ ގޮތެއްގައިކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަބޭ2020

    ޑރޝަހީމެވެ. އެމަޖިލީހުގައިއެތިބީ ދުނިޔޭންބޭރުންކިޔަވާ ޕްރޮފެސަރުންނަށްވެފަތިބިމީހުންނެވެ. އެއީއާދަޔާޚިލާފަށްމޮޅު ތަނެއްދޮރެއްނުދަންނަޕްރޮފެސަރުންނެވެ. ވީމާ އެއަށްފާޑުކިޔާނީ ކިހިނަކުންތޯ؟

  2. އަހުމަދު

    ބިލު ބޭރު ކުރުން ނޫން އެހެން ރަނގަޅު ގޮތެއްނެތް

  3. ލލ

    ގިނަފަހަރު ކޮމޮޓީތަކުން ހަމަ ވާގޮތަކީ ކޮށާމަށާއިރު އޭގެ މަގުސަ ދު ގެއްލި އޮޅުން ބޮޅުން އަރާ ތާކުން ތާކު ނުޖެހޭ އެއްޗަކަށް ވެފައި އޮންނަނީ !

  4. ޏަމްޏަމް

    މި ބިލަށް ދެން އޮތަސމްދިއުން ތް ގޮތަކީ ކޯޓް

  5. އަންދު

    ޤައުމެއް ނެތް