ޝަރުއީ ރުގްޔާ ދަސްކޮށްދޭ ކޯހެއް މި ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އޮންލައިންކޮށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ އައްޝައިހް މުހައްމަދު ތާހާއެވެ.

އެއް މަސް ދުވަހުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ ނުވައެކެވެ. ކޯހުގެ ފީއަކީ 500 ރުފިޔާއެވެ.

ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު 20:00 އިން 21:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ އަގީދާ، އެސްފީނާ، ހަސަދަ، ސިހުރާއި އޭގެ ފަރުވާގެ އިތުރުން ކުޑަކުދިންނަށް އެސްފީނާ ޖެހުމުން ކަންތައްތައް ކުރާނެ ގޮތެވެ.

މިކޯހާ ބެހޭ ގޮތުން ޝައިހް ތާހާ ވިދާޅުވީ ޝަރުއީ ރުގްޔާގެ ނަމުގައި މިހާރު މުޖުތަމައުގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ ކަމަށާއި، މިކަމަށް މުޖުތަމައު ހޭލުންތެރި ކުރުވަން ޖެހޭ ކަަމަށެވެ. އެހެންކަމުން ޝަރުއީ ރުގްޔާގެ ސައްހަ ޢިލްމު އުނގެނި، އަމިއްލަ ނަފްސަށާއި އާއިލާގެ މީހުންނަށް ރުޤުޔާކުރާނެ ގޮތް ދަސްކުރުމަށް މި ކޯހުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ޝެއިޚް ޠާހާ ވިދާޅުވިއެވެ. މީގެ އިތުރުން އަރަބިކް ލޭންގުއޭޖް ކޯހެއް ވެސް ފެށުމަށް ތައްޔާރުވެފައިވާކަމަށް ތާހާ ފާހަގަކުރެއްވިއެވެ.

ޝަރުއީ ރުގްޔާ ދަސްކޮށްދޭ ކޯހެއް ފެށުމަށް ނިންމާފައިވާއިރު، ރުގްޔާގެ ނަމުގައި މުޖުތަމައުގައި ބޮޑެތި ޖަރީމާތައް ހިންގާފައިވެއެވެ. އެގޮތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމާއި، ރުޤްޔާގެ ނަމުގައި ބައެއް އާއިލާތަކަށް ނަފްސާނީ، ޖިސްމާނީ އަނިޔާތައް ދީފައިވާ މައްސަލަތައް ފެންމަތިވެފައިވެއެވެ.

މިކޯހުގައި ރެޖިސްޓަރވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9461475 މި ނަންބަރަށް ވައިބާ ކުރުމުން މައުލޫމާތު ލިބިގެން ދާނެއެވެ.