ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮވިޑް-19 ފެތުރޭތީ މޮނިޓަރިން ހާލަތުގައި ހުރި ރަށްތަކުގެ އަދަދު މަދުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާރު ރާއްޖޭގެ ހުރިހާ ރަށަކުން މި ބަލި ފެތުރެމުން އަންނާތީ މޮނިޓަރިންގައި އޮތީ ޖުމްލަ 15 ރަށެވެ. މީގެެ މަހެއްހާ ދުވަސް ކުރިން މި އަދަދު ވަނީ 70 އަށް ވެސް އެރިއެވެ.
އެހެންކަމުން މި 15 ރަށަށް ދިއުމުގެ ފުރުސަތު އޮތީ ބަންދުވެފައެވެ. ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ނަމަވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދެވޭނީ ހާއްސަ ހުއްދައިގެ ދަށުން ކަމަަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފައެވެ. މޮނިޓަރިންގައި އޮތް ރަށްރަށަށް ވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ނަމަ ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދޭނެއެވެ. އެ ރަށްރަށަށް ދެވޭނީ ވަޒީފާ އާއި ބޯހިޔާވަހިކަން ގެއްލުން ފަދަ ހާއްސަ ހާލަތެއް ކުރިމަތިވެގެން ކަމަށް އެޗްޕީއޭ އިން ފާހަގަ ކުރެއެވެ.
މިހާރު މޮނިޓަރިންގައި އޮތް ރަށްތައް:
- ހއ. ދިއްދޫ
- އައްޑޫ ސިޓީ (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ)
- ފ. ފީއަލި
- ޏ. ފުވައްމުލައް
- ގއ. ވިލިނގިލި
- އއ. ތޮއްޑޫ
- ރ. ދުވާފަރު
- ގއ. ކޫއްޑޫ
- ގދ. ތިނަދޫ
- ރ. މީދޫ
- ކ. ގުރައިދޫ
- ށ. ފޯކައިދޫ
- ގދ. ނަޑެއްލާ
- ކ. ކާށިދޫ
- އއ. ރަސްދޫ
ރާއްޖެއިން ފައްސިވާ މީހުންނާ މި ބަލީގައި މީހުން ނިޔާވާ މީހުންގެ އަދަދު މީގެކުރިން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އާންމުކޮށް މީހުން ފައްސިވާ އަދަދު 700 އިން މަތިވެފައި ވީއިރު، މި ބަލީގައި މަރުވާ އަދަދު ތިނަކަށްވުރެ އޭރު އޮތީ އިތުރުވެފައެވެ. ނަމަވެސް މިހާރު ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.
ވޭތުވެދިޔަ 24 ގަޑިިއިރަށް ބަލާއިރު، މި ބަލީގައި އިއްޔެެ ފައްސިވެފައި ވަނީ 63 މީހެކެވެ. މީގެ ކުރިން އެންމެ ގިނައިން މީހުން ފައްސިވަމުން އައި މާލެ އިން އިއްޔެ ފައްސިވީ 13 މީހުންނެވެ. އަދި އަތޮޅުތެރެއިން ފައްސިވީ 28 މީހުންނެވެ. ރިސޯޓްތަކުން އިއްޔެ 22 މީހުން ފައްސިވިއެވެ. އިއްޔެ އަކީ ފާއިތުވި ތިން މަސް ދުވަސް ތެރޭގައި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި ޖުލައި ތިން ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.
މި އަދަދުތައް ދަށަށް ދާން ފެށުމާ އެކު ސަރުކާރުން ވަނީ ލުއިތަކެއް ދީފައެވެ. މި ލުއިތަކުގެ ދަށުން ވަކި ޝަރުތުތަކެއް ފުރިިހަމަކުރުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގޮތުން ކޮވިޑް ވެކްސިނެއް ޖަހާ 14 ދުވަސް ހަމަވެފައިވާ ފަރާތްތަކަށް ތިން ދުވަސް ހަމަނުވާ ޕީސީީއާރު ނައްސި ޓެސްޓަކާ އެކު ދަތުރުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ކޮވިޑް ޖެހި ރަނގަޅުވާ މީހުންނަށް ކަރަންޓީނާ ނުލާ ދަތުރުކުރުމަށް މީގެ ކުރިން ދީފައިވާ 30 ދުވަހުގެ މުއްދަތު މިހާރު ވަނީ 60 އަށް އިތުރުކޮށްފައެވެ.
ލުއިތައް ދީފައިވީ ނަމަވެސް ގަވައިދާ އެއްގޮތަށް ދަތުރުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ނަމެއްގަ މޮނިޓަރިން އަރާފައިބާ މީހުން އެއްވަރެއް ޕޮލިހުން ގެ މެންޑޭޓް ގަ ނެއްކަމެއް އެމީހުން ލައްވާ ނުކުރެވޭނެ ކަމައްވަނީ ކައުންސިލުން އާދޭސް ދެންނެވީމަ ކުރާގޮތަށް ތިބީ