މާލޭ މަގުމަތީ ނުދުއްވާ ހުންނަ އެއްގަމު އުޅަނދު ފަހަރު ނަގާ މަގުތައް ސާފުކުރުމުގެ މަސައްކަތް ފަށަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކާއި،ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު ވެހިކަލް އަދި ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ ވެހިކަލް ނަގަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އެކައުންސިލާއި ފުލުހުން ގުޅިގެން ހޯމަ ދުވަހުން ފެށިގެން ނަގަމުން ގެންދާނެކަމަށް އެ އިއުލާނުގައި ވެއެވެ.

އެ ކައުންސިލުން ވަނީ މަގުމަތީގައި އެގޮތަށް ބަހައްޓާފައި ހުރި އެފަދަ ވެހިކަލްތައް ނަގައި މަގުމަތި ސާފުކުރުމަށް އަންގާފައެވެ.

"އަދި ބަޔާންކުރެވިފައިވާ އުޅަނދު ފަހަރުގެ ވެރިފަރާތުން ނުނަންގަވާ ހުންނަ އެއްގަމު އުޅަނދުފަހަރު ނަގައި ނައްތާލެވޭނެ ކަން އަންގަމެވެ އަދި ވެހިކަލް ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް މިކައުންސިލުން ޒިންމާ ނުވެވޭނެ ކަމުގައި އަންގާ އިއުލާނު ކުރީމެވެ". އެ އިއުލާނުގައި ވެއެވެ.

ޖޫން މަސް ތެރޭގައި މާލެ ސިޓީ ކައުންސިލުން "ދިވެހި ޗެނެލް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބާވެ ބޭނުން ނުކޮށް މާލޭ މަގުތައް މަތީ ހުރި ސައިކަލްތަކާއި ކާރުތައް ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެ އޮޕަރޭޝަނަށް ފަހު ވެހިކަލް އެތެރެ ކުރުމުގެ މިންގަނޑެއް ކަނޑައަޅާނެ ކަމަށެވެ. އަދި މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅިގެން ދާނެ ކަމަށް ވިދާޅުވިއެވެ.