ކޮވިޑް-19 އިން ދިފާއުވުމަށް އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދެމުން އަންނަ ވެކްސިންގެ ފުރަތަމަ ޑޯޒު މިހާތަނަށް 4،000 އަށްވުރެ ގިނަ ދަރިވަރުން ޖަހައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވީ، ކޮވިޑުން ދިފާއުވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި މާލެއާއި އަތޮޅުތެރެއިން މިހާތަނަށް 4973 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ

12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ އެ އުމުރުގެ ކުދިންނަށް ވީހާ ވެސް އަވަހަކަށް ވެކްސިން ދީ، މިހާރު ދީފައިވާ ލުއިތަކަށްވުރެ ބޮޑެތި ލުއިތަކެއް ދިނުމެވެ.

ސަރުކާރުގެ އަމާޒަކީ މި އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ.

ކޮވިޑް ބަލީގެ ސަބަބުން ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގެ ދަރިވަރުންނަށް ކިޔަވައިދީފައި ވަނީ އޮންލައިންކޮށެވެ. އެކަމަކު، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ފެށި ދިރާސީ އާ އަހަރާ އެކު ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިން ވަނީ ލިބިފައެވެ. އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގ ދީ ނިމިފައިވާއިރު މިއީ ރާއްޖެއަށްވުރެ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބައެއް ގައުމުތަކާއި އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.