ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް މިއަދުގެ 17:55 އިން ފެށިގެން މިރޭ 22:30 އާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. .

ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގއި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

ހއ. އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، އެއިދާރާއިން ވަނީ މިއަދުގެ ހަވީރު 16:30 އިން ފެށިގެން މިރޭގެ 22:30 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.