ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް އަނެއްކާވެސް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ މެންދަމު 02:30 އާއި ހަމައަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި އާއްމުކޮށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.

މިރޭ މެންދަމު 02:30 އާއި ހަމައަށް ލ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. އެސަރަހައްދަށް ކަނޑުތައް ގަދަވެ 19 މޭލާއި 25 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވެސް މިއަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ހާއްސަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.