ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ އުފުލިފައިވާ ތިން މީހަކަށް ދިފާއީ ހެކި ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވާފައިވެއެވެ.
ތިން މީހުން ވެސް އެ މީހުންނަށް ކުރާ ދައުވާތަކަށް އިންކާރު ކޮށްފައިވެއެވެ. އަދި ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދޭން ވެސް ތިން މީހުންގެ ފަރާތުން އެދިފައިވެއެވެ. އެހެންވެ 15 ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދީފައެވެ.
ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ ނިރުބަވެރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ގޮވާ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.
ނާޒިމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވި ކަމުގެ ކުށުގެ ދައުވާއެވެ. ފަހުމީ އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކުށުގެ ދައުވާއެވެ.
މއ. ފޭރުގޭ މުޖާޒް އަހްމަދުގެ ގާނޫނީ ވަކީލާއި، މ. ކުދެހިގެ އިޝްހާގު ގާނޫނީ ވަކީލު އެދިވަޑައިގަތީ ލިޔެކިއުންތަކާއި އަދި ވީޑިއޯ ފުޓޭޖްތައް ދިރާސާ ކުރަން ފުރުސަތެއް ދެއްވުމަށެވެ. އެއަށް ފަހު ދައުވާއަށް އެއްބަސްވުމާއި އިންކާރު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ ވަކީލުން ވިދާޅުވެއެވެ.
ފަހުން ހައިޝަމް، ފަހުމީ، އަދި ނާޒިމްގެ ފަރާތުން ވެސް ވަނީ ވީޑިއޯތައް ދިރާސާ ކުރުމަށާއި، އިތުރު މަޝްވަރާތައް ގެންދަން ކްރިމިނަލް ކޯޓުގައި ވަކީލު ބައްދަލުވުންތަކުގެ ފުރުސަތަކަށް އެދިފައެވެ.
ދެން މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ވިދާޅުވީ އެ ފުރުސަތު ކޮންމެ މީހަކަށް ވެސް ކްރިމިނަލް ކޯޓުން ހަމަޖައްސާނެ ކަމަށެވެ. އެހެންވިޔަސް އެ ފުރުސަތު ދެވޭ ތާރީޚާއި ގަޑީގެ ތާވަލެއް އަދި ދެވެން ނެތް ކަމަށާއި އެ ތާވަލު އެކުލަވާލުމަށް ފަހު ޚިއްސާ ކުރާނެ ކަމަށް ވިދާޅުވިއެވެ.
މި މައްސަލަ ބައްލަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ގާޒީ އާދަމް މުހައްމަދެވެ. ދެން ތިއްބެވީ ގާޒީ މުހައްމަދު މިސްބާހްއާއި، ގާޒީ ސޮފްއަތު ހަބީބެވެ.
މި އެންމެންގެ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ބަންދުގެ މުއްދަތު އިތުރު ކުރަން ނިންމައިފައެވެ.
މިހާތަނަށް އައި އިރު ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއް އެކުލަވާލައިގެން ކުރިއަށް ދަނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން އިސްކޮށް ބައިވެރިވެ ބޮން ގޮއްވާލި ރިމޯޓް ބޭނުން ކުރި އަހުމަދު އަދުހަމްއެވެ. އޭނާގެ އަޑުއެހުންތައް ގެންދަނީ ސިއްރުންނެވެ.