އާޓް އަދި ފަންނުވެރިންގެ ދާއިރާ އިން ޔޫތު އެވޯޑް ނޫސްވެރިޔާ ނާޒިމް ހަސަން މިރޭ ހޯދައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އެވޯޑު ވެސް ހާސިލްކޮށްފައިވާ ނާޒިމަށް އެވޯޑު ދިނީ ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ނާޒިމަށް މި އެވޯޑު ދިނީ އޭނާގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނާޒިމްއާ އެކު މި އެވޯޑު 10 މީހަކު ވަނީ ހޯދައިފައެވެ. ޔޫތު އެވޯޑަކީ ޒުވާނުން ބާރުވެރިކުރުވައި ހިތްވަރުދީ، މަސައްކަތުގެ އަގުވަޒަންކޮށް ގައުމަށް ހިދުމަތްކުރުމުގައި ދެމި ތިބުމަށް ބާރު އެޅުމުގެ ގޮތުން ޔޫތު މިނިސްޓްރީން ދޭ އެވޯޑެކެވެ.

ނާޒިމް ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތީ "ކުޅުދުއްފުށި އޮންލައިން" އިން 2014 ގައެވެ. އޭގެ ފަހުން، އޭނާ ވަނީ "ވަގުތު"، "އަވަސް"، "ޖަޒީރާ" ނޫހުގައި މަސައްކަތްކޮށްފައެވެ. އޭނާ މިހާރު ހުރީ "އަދަދު" ގެ އެސޯސިއޭޓް އެޑިޓަރުގެ މަގާމުގައެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާގެ ލިޔުންތަކަށް ޝައުގުވެރިކަން ހުންނަ ނާޒިމް ވަނީ 2018 ގައި މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމް ހާސިލްކޮށްފައެވެ. އަދި ޖެހިގެން އައި 2019 ވަނަ އަހަރު ޝަރުއީ އަދި ގާނޫނީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހޯދައިފައެވެ.