މިދިޔަ އަހަރު ރާއްޖޭގެ 107 މީހަކަށް ދުނިޔޭގައި އެންމެ ގަދަޔަށް ފެތުރެމުންދާ ނުރައްކާތެރި ޓީބީ (ކެއްސުން ބަލި) ޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވެއްޖެެއެވެ.

މިނިސްޓަރ ނަސީމް މިގޮތަށް ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޓިބީ ބައްޔާ ގުޅޭ ހައިލެވެލް މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޓީބީ އަކީ ނުރައްކާތެރިކަން ބޮޑު ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގަދައަށް ފެތުރޭ އެއް ބައްޔެވެ. ފުއްޕާމެއަށްޖެހޭ އެ ބައްޔަކީ ފަސޭހައިން ބޭހަށް ނުގުޑާ ބައްޔެކެވެ. އަދި ފަރުވާއަށް ގިނަ ހަރަދުތަކެއް ހޭދަ ކުރަންޖެހޭ ވެސް ބައްޔެކެވެ. މިއީ ފަސޭހައިން ފެތުރޭ ބައްޔަކަށް ވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގައި އެއީ ނައްތާލަން އުނދަގޫވެފައިވާ ބައްޔެކެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރަކު 150 އާއި 200 އާ ދެމެދުގެ އަދަދަކަށް ކޮންމެ އަހަރަކު ވެސް ޓީބީ ޖެހިގެން މީހުން ރިޕޯޓް ކުރެއެވެ. އެގޮޮތުން، މިދިޔަ އަހަރު 107 މީހަކަށް ޓީބީ ޖެހިފައިވާއިރު، 2025 ނިމޭއިރު ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޓީބީއިން ރައްކާތެރިވުމަށް ބަލި ދެނެގަތުމަށާއި، ފަރުވާ ކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ ބޭނުންތެރިކަން ވެސް އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭ. އަދި ހަމައެހެންމެ، އެންމެފަހުގެ ފަރުވާތައް އަޅުގަނޑުމެންނަށް ވަނީ ދެނެގަނެވިފައި" މިނިސްޓަރ ވިދާޅުވިއެވެ.

އަދި މި ސަރަޙައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދުކަަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ މިފަދައިން ފާހަގަ ކުރައްވާފައިވާއިރު، މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެއީ ސަރަހައްދީ ފެންވަރުގައި ވަރަށް ދަށް އަދަދެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު ޓީބީ ޖެހިގެން ރިޕޯޓް ކުރި މިންވަރަކީ އެއީ އަންދާޒާ ކޮށްފައިވާ އަދަދަށް ވުރެ ދަށް އަދަދެއް ކަމަށެވެ. އަދި މިއީ އޭގެ ކުރީ އަހަރުގެ ނަމްބަރުތަކާއި އަޅާބަލާއިރު، 30 އިންސައްތަ ދަށް އަދަދެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ޑޯނަރުންނާއި ޕާޓްނަރުންނަށް އެންޓި ޓީބީ ޕްރޮގްރާމް ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތު އަރުވާފައެވެ.