ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން ފަސްދާނުލުމަށް ހާއްސަކޮށްފައި އޮންނަ ގަލޮޅު ސަހަރާގެ ބަދަލުގައި އާންމުން ވަޅުލާން ހާއްސަކޮށްފައި އޮންނަ އާ ސަހަރާގައި ވަޅުލުމަކީ އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާ ކަމެއް ކަމަށް އޭނާގެ ގާތް ބައެއް މީހުން މިއަދު ބުނެފިއެވެ.

ކޮވިޑް-19 ބަލީގައި ފަރުވާ ދެމުން ދަނިކޮށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ވަނީ އަވަހާރަވެފައެވެ.

"ވަގުތު" އާ މިއަދު ވާހަކަ ދެއްކި އުމަރު ޒާހިރުއާ ރަހްމަތްތެރި ބައެއް މީހުން ކިޔައި ދިން ގޮތުގައި އުމަރު ޒާހިރަކީ ދީނަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ނަމާދަށް ވަރަށް ބޮޑަށް ފަރުވާތެރި އުމަރު ޒާހިރު އަބަދުވެސް ދައްކަވާ އެއް ވާހަކައެއް އޮންނަ ކަމަށް އެމީހުން ބުންޏެވެ.

"ބުނާނެ، ތިމަންނަ މަރުވިޔަސް ގަލޮޅު ސަހަރާ އަށް ގެންގޮސް ވަޅުނުލައްޗޭ، ވަޅުލާން ވާނީ އާސަހަރާ މިސްކިތުގައި އާންމުން ވެސް ވަޅުލާ ސަރަހައްދުގައޭ،" އުމަރު ޒާހިރުގެ ވަރަށް ގާތް މީހަކު ކިޔައި ދިނެވެ.

އުމަރު ޒާހިރުގެ އާއިލާގެ މެމްބަރުންގެ ގާތުގައި ވެސް އެ ވާހަކަ އެމަނިކުފާނު ދައްކާފައިވާ ކަމަށްވެއެވެ.

އުމަރު ޒާހިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނެއް އަދި ނުނިންމައެވެ.

ކޮވިޑް-19 ބަލި ޖެހިގެން މާލެ އިން ނިޔާވާ މީހުން ވަޅުލަނީ ހުޅުމާލެ ސަހަރާގައެވެ.

ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ކުރީގެ ހޯމް، ޕަބްލިކް ވޯކްސް އަދި ސްޕޯޓްސް މިނިސްޓަރު ކޮވިޑަށް ފައްސިވީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިންނެވެ.

އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވި އިރު، އެމަނިކުފާނު ކޮވިޑަށް ފައްސިވީ ފުވައްމުލަކުގައި އަމިއްލަފުޅަށް އިމާރާތްކޮށްދެއްވި މިސްކިތެއް ހުޅުވަން އެ ރަށަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެއަށް އެނބުރި ވަޑައިގަތް ފަހުން ހުންއައިސް، ހާލުކޮޅު ގޯސްވުމުން ހެދި ޓެސްޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސްނާ

    إِِنَّا لِلهِ وَإِنَّـا إِلَيْهِ رَاجِعُوْنَ މާތް اَللّٰهُ މައްޔިތާގެ ފާފަ ފުއްސަވައި, ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! اللهم آمين يارب العالمين

    49
  2. އުގުރި

    އުމަރު ޒާހިރު އެ އެދި ލެއްވި ގޮތައް އެކަން ތައް ކޮންދެއްވާ.

    51
  3. ތުއްތު

    އެމަނިކުފާނުގެ ވަސިއްޔަތް ފުރިހަމަކޮއްދެއްވުމައް އެމނިކުފާނުންގެއާއިލާއައް ދަންނަވަން މާތްﷲމަރުޙޫމްގެ ފުރާނަފުޅައް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި އާއިލާއައް ކެއްތެރިކަން އިތުރު ކުރައްވާށި.
    އާމީން

    49