ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު މި މަހުގެ ކުރީކޮޅު، ޏ. ފުވައްމުލަކަށް ވަޑައިގެންނެވި އިރު، އެމަނިކުފާނާ އެކުގައި ދަތުރު ކުރެއްވި އެއް ބޭފުޅަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ދެ ބޭފުޅުން ފުވައްމުލަކަށް ވަޑައިގެންނެވީ އުމަރު ޒާހިރުގެ ހަރަދުގައި ބިނާ ކުރެއްވި މިސްކިތެއް ހުޅުއްވުމަށެވެ. "މަސްޖިދުއް ސިއްދީގު" ހުޅުވަން ޝަހީމް، ފުވައްމުލަކަށް ވަޑައިގެންނެވި އިރު، މަތިންދާ ބޯޓުގައި ޖެހިގެން އިންނެވީ ވެސް އުމަރު ޒާހިރެވެ. ޝަހީމާއި އުމަރު ޒާހިރަކީ ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ.

ޝަހީމް "ވަގުތަށް" މިއަދު ވިދާޅުވި ގޮތުގައި އުމަރު ޒާހިރު އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެކެވެ. އެއީ ގައުމީ ހަޔާތުގައި ދިވެހި ދައުލަތާއި ރައްޔިތުންނަށް އިހްލާސްތެރި ހިދުމަތްތަކެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވެސް ޝަހީމް ފާހަގަ ކުރެއްވިއެވެ.

"އޭރުގައި އަޅުގަނޑަކަށް ނޭނގޭ މިސްކިތް ބިނާ ކުރެއްވި ކަމެއް ވެސް. ފޯން ކުރައްވާފައި ވިދާޅުވީ ތިމަންނަ މިސްކިތެއް އަޅައިފީމޭ، ތިމަންނަ އަބަދުވެސް ކުރާ އުންމީދެކޭ މިތަން ހުޅުވާނީ ޝަހީމްއޭ، އެހެން ކިއާފައި އަޅުގަނޑު ގޮވައިގެން ވަޑައިގެންނެވީ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އުމަރު ޒާހިރު، ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ގެއިން ބައްދަލުކުރެއްވި ކަމަށެވެ.

"އަޅުގަނޑު ކައިރީގައި އަދި ދަތުރުމަތީގައި ވެސް ވަރަށް ބޮޑަށް ސުވަރުގެއަށް ދާން ބޭނުންވެފައި، (އެވާހަކަ ދެއްކެވި) އަބަދުވެސް އެ ވިސްނުމުގައި ހުންނަވަނީ. އަޅުގަނޑު ކައިރީގައި ދެންނެވި އެގޮތަށް ދުއާކޮށްދޭށޭ، ސުވަރުގެ ދެއްވާތޯ. އެއީ ދެކެވުނު ވާހަކައެއް،" އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަން ކުރެއްވި ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިސްކިތް ބިނާ ކުރެވުމުން އުމަރު ޒާހިރު ހުންނެވީ ވަރަށް ބޮޑަށް އުފާވެފައެވެ. އަދި އެންމެ ފަހުން މިވީ އެމަނިކުފާނުގެ އެންމެ ފަހު މަސައްކަތަށް ކަމަށް ވިދާޅުވިއެވެ.

"ކިހާ ބޮޑު ހެޔޮ ކަމެއް އެއީ؟" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވެސް ފާހަގަ ކުރެއްވި ގޮތުގައި އުމަރު ޒާހިރަކީ ވަރަށް ބޮޑަށް ދީނީ ކަންކަމަށް ލޯބި ކުރައްވާ ބޭފުޅެކެވެ.

އުމަރު ޒާހިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި، އަދި އަމަލީ ގޮތުން ކަންކަން ގާތުން ބެއްލެވި ވަރުގަދަ ޝަހްސިއްޔަތެކެވެ. ޚާއްސަކޮށް ހުޅުމާލެ ހިއްކައި ކުނި އަންދައިގެ ކުނި ނައްތައިލަން ތިލަފުށި ހެދުމާއި މާލޭގެ މަގު ހެދުން ފަދަ މަޝްރޫއުތަކަކީ އުމަރު ޒާހިރުގެ ބެލުމުގެ ދަށުން ކުރިއަށް ދިޔަ ކާމިޔާބު މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަކޫން

    މަރުޙޫމް ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެތި ދަރަޖަ މިންވަރު ކުރައްވާށި އާމީން!

    51
  2. ފަތުޙީ

    މާތްﷲ އެމަރްޙުމްގެ ފުރާނަފުޅަށް ހެޔޮރަޙްމަތްލައްވައި އަދި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަދެއްވައި ޢާއިލާއަށް ކެއްތެރިކަން މިންވަރުކުރައްވާށި އާމީން

    35
    1
  3. ޢޭނާ

    ވ ގާތް ދެ ރަހުމަތްތެރިންނޭ އޮތްއިރު ނޭގުނޯ މިސްކިތެއް އަޅާ ކަމެއްވެސް. ޢެންމެންގެ ވިސްނުންވެސް ހުންނަންވީ ސުވަރުގެއަށް ދިއުމުގެ ވިސްނުމުގައި، ޝަހީމުވެސް ވިސްނަވާ.

    8
    27
    • ޜަނާ

      ޙެޔޮޢަމަލް ކުރާއިރު އިސްތިހާރެއް ނުކުރާނެ ތިމަންނައެބަ މިސްކިތެއް އަޅަމޭ ތިމަންނަ މިއަފު މިތައް މީހުނަށް ޞަދަޤާތް ދީފީމޭ ކިޔާފަ އެއް. ޢެންމެ ހެޔޮ ޢަމަލަކީ އޭނާ ކުރާ ހެޔޮކަންތައް އެހެން މީހުނަށް ފާޅުނުކޮށް ކުރާ ޢަމަލް ތައް.

      15
      2
  4. ގޯސް

    ކަލޭމެން އެވިސްނުން ލައިދިން ފަހުން އަހަރެމެންގެ ވެސް މިހުންނަނީ ސުވަރުގެއަށް ދިއުމުގެ ވިސްނުން.

    11
    5
  5. އަހު

    އިންސާނާ މަރުވުމަށްފަހު 3ކަމަކުން ނޫނީ އޭނާގެ ބޭނުން ކެނޑިދޭ އެއީ ދެމިހުންނަ ސަދަގާތަކާއި ދޫކޮއްފަ ދިޔަ ހެޔޮޢަމަލަކާއި އޭނާގެ މައްޗަށް ހެޔޮ ދުޢާ ކޮއްދޭނެ ސާލިޙު ދަރިއެއް ތަރުބިއްޔަތު ކޮއްފަވުން އިންޝާﷲ

  6. ވައިކިންގ

    ސުވަރުގެ ދެއްވަނީ ސުވަރުގެ ބޭނުން މީހުންނަށް. އެތަނަށް ދާން މަސައްކަތްކުރާ މީހުންނަށް. އަޅުގަނޑުމެންގެ ތެރޭ ބައެއް މީހުން އެތަނަށް ދާކަށް ބޭނުމެއް ނޫން. އެއީ އަމިއްލަޔަށް އުފެދިފައިވާ ބައެއް. 'ނޭޗަރ' އިން އެމީހުން ހަމަ އުފެދުނީ ކަމަށް ޤަބޫލުކުރަނީ. އެއްވެސް ޙިކުމަތްވަންތަ ފަރާތެއްގެ ބާރުފުޅަކުންނެއް ނޫންކަމަށްވަނީ. އެކަމަކު އެންމެކުޑަމިނުން ބިއްލޫރި ތަށްޓެއްވެސް އަމިއްލަޔަށް އެބުނާ ނޭޗަރ އިން އުފެދޭނެކަމަކަށް އެމީހުން ޤަބޫލެއް ނުކުރޭ.

  7. ތަކުރު

    އެއުމުރުފުގައިވެސް ޖަމާއަތައް (ފަތިސް) ނަމާދައް ހިންގަވާފައި ވަޑައިގަންނަވާނެ، މާތްﷲ އެމަރްޙުމްގެ ފުރާނަފުޅަށް ހެޔޮރަޙްމަތްލައްވައި އަދި ސުވަރުގެވަންތަވެރިން ތެރެއިން ލައްވާންދޭ، އާމީން.

    12
  8. ކަތްދަ

    ޢެންމެންގެ ވިސްނުން ހުންނަނީ އެހެނެއްނޫން. ޢެހެންނަމަކަ ދީނުގަ ހަރާމް ކުރައްވާފައިވާ ކަންތަކަށްް އަރައި ނުގަތީސް. އެކަމަކު ދީނުގެ ކަންތަކަށް ލޯބިކުރާ މީހުންގެ ވިސްނުން ހުންނާނީ އެގޮތަށް. އިސްލާމް ދީނަށް ލޯބިކުުރަނީވެސް އެމަޤުސަދުގައި

  9. ހަބީބު

    މާތްﷲ އެމަރްޙުމްގެ ފުރާނަފުޅަށް ހެޔޮރަޙްމަތްލައްވައި އަދި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަދެއްވައި ޢާއިލާއަށް ކެއްތެރިކަން މިންވަރުކުރައްވާށި އާމީން