މިއަދު މެންދުރު އަވަހާރަވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު, ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން ފަސްދާނުލުމަށް ހާއްސަކޮށްފައި އޮންނަ ގަލޮޅު ސަހަރާގައި ވަޅުލާން ނިންމައިފިއެވެ.

ކޮވިޑް-19 ބަލީގައި ފަރުވާ ދެމުން ދަނިކޮށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

އުމުރުފުޅުން 85 އަހަރުގައި އަވަހަރާވި އުމަރު ޒާހިރުގެ ކަށުނަމާދު ކުރިން ބާއްވަން އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގައެވެ. އެހެން ނަމަވެސް މިހާރު ރައީސް އޮފީހުން އަންގައިގެން އެމަނިކުފާނުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބާއްވަން ވަނީ ނިންމަވާފައެވެ. އަދި ފަސްދާނުލާން ގެންދަނީ ގަލޮޅު ސަހަރާއަށެވެ.

އެމަނިކުފާނުގެ ނޫނު ދެއްކުން އޮންނާނީ މަޣްރިބް ނާމަަދަށް ފަހު ހުޅުމާލެ ސަހަރަގާއެވެ.

އުމަރު ޒާހިރު ފަސްނާދުލާން ގަލޮޅު ސަހަރާއަށް ގެންދަވާއިރު، އެމަނިކުފާނުގެ ގާތް މީހުން ބުނާގޮތުގައި، ގަލޮޅު ސަހަރާގެ ބަދަލުގައި އާންމުން ވަޅުލާން ހާއްސަކޮށްފައި އޮންނަ އާ ސަހަރާގައި ވަޅުލުމަކީ އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާ ކަމެކެވެ.

ކޮވިޑް-19 ބަލި ޖެހިގެން މާލެ އިން ނިޔާވާ މީހުން ވަޅުލަނީ ހުޅުމާލެ ސަހަރާގައެވެ.

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ގައުމީ ތިން ދުވަހަށް ދިދަ ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ކުރީގެ ހޯމް، ޕަބްލިކް ވޯކްސް އަދި ސްޕޯޓްސް މިނިސްޓަރު ކޮވިޑަށް ފައްސިވީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިންނެވެ.

އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވި އިރު، އެމަނިކުފާނު ކޮވިޑަށް ފައްސިވީ ފުވައްމުލަކުގައި އަމިއްލަފުޅަށް އިމާރާތްކޮށްދެއްވި މިސްކިތެއް ހުޅުވަން އެ ރަށަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެއަށް އެނބުރި ވަޑައިގަތް ފަހުން ހުންއައިސް، ހާލުކޮޅު ގޯސްވުމުން ހެދި ޓެސްޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިއެއް

    އެމަނިކުފާނު އެވަރަށް ވަސިއްޔަތް ކުރެއްވީމަވެސް ގަލޮޅު ސަހަރައިގަ ތޯ ފަސްދާނުލެއްވީ؟
    ވަސިއްޔަތް ވެސް ވަސިއްޔަތަކަށް ނުވޭ ދޯ މިހާރު. ދެރަ ކަންކަން.
    މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި!