މާލޭގައި އަގު ދައްކައިގެން ޕާކު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ސްލޮޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިރޭ ބާއްވަން ތާވަލް ކުރުމަށް ފަހު ޖަނަވަރީ 05 އަށް ގުރުއަތުލުން ފަސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިންގ ސްލޮޓްގެ ގުރުއަތުލުން މިރޭ ބޭއްވުމަށް ހަމަޖެއްސި ނަމަވެސް އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު 05 ޖެނުއަރީ 2022 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ލަސްކުރެވިފައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ޕާކް ކުރުމަށް 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައި 211 ޕާކިން ސްލޮޓަކަށް ކުރިމަތިލާން ހުޅުވާލިއެވެ. ޕާކިން ސްލޮޓަށް ކުރިމަތިލާން މިދިޔަ ޖުލައި މަހު ހުޅުވާލި ފުރުސަތުގައި 969 މީހަކު ފޯމު ހުށަހެޅިއެވެ. އަދި މީޑިއާތަކުގެ ކުރިމަތީގައި ގުރުއަތުލުން ބާއްވައިގެން ސްލޮޓްތައް ލިބޭ މީހުން ކަނޑައެޅިއެވެ.

ގުރު ނެގީ ސްލޮޓްތަކަށް ކުރިމަތިލި އެންމެންނަށް ސްލިޕް ނަމްބަރެއް ދީގެންނެވެ. އެ ސްލިޕް ނަންބަރުތަކުގެ މެދުގައި ގުރު ނެގި އިރު ސްލިޕް ނަންބަރެއް ދޭ ގޮތަށް ހަމަޖެއްސީ، އެއް އައިޑީ ކާޑު ނަމްބަރުގެ ދަށުން 3-2 ކާރު ރަޖިސްޓްރީކޮށްފައި ހުރުމުން އައިޑީކާޑަކުން އެކަން ޔަގީންނުކުރެވޭނެތީ އާއި ފޯނު ނަމްބަރު ވެސް ރިޕީޓު ވާތީ ކަމަށް ކައުންސިލުން ކުރިން ބުނެފައިވެއެވެ.

ޕާކިން ސްލޮޓް ކުއްޔަށް ދޫކުރާ ގޮތަށް އޮތީ 350 ކިލޯ އުފުލޭ ޕިކަޕާއި ކާރު އަދި ވޭނަށެވެ.

އެކަމަކު، ޕާކިން ސްލޮޓްތަކުގެ ގުރުއަތު ނެގުން ކުރިއަށް ގެންދިޔައީ ދެ ފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިއެވެ. އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން މާލެ ސިޓީ ކައުންސިލަށް އަންގާފައި ވަނީ ގުރު ނެގުން އަލުން ބޭއްވުމަށެވެ.