ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ ސަސްޕެންޝް ޖުޑީޝަލް ސާވިސް ކޮމިޝަނުން އުވާލައިފިއެވެ. އޭނާ ސަސްޕެންޑް ކުރީ ރައީސް ޔާމީންގެ ހުކުމާއި ގުޅޭ ގޮތުން އޭނާ ވާހަކަދައްކާ އޯޑިއޯތަކެއް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑީޕާޓްމަންޓްއިން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން ޖޭއެސްސީ އާއި ހިއްސާ ކޮށްފައިވާ ކަމަށާއި އެ ރިޕޯޓުގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އެ އޯޑިއޯ ގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ރަޝާދުގެ އަޑާ ދިމާނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގާޒީ ފާއިޒް ސަސްޕެންޑް ކުރީ 60 ދުވަހަށެވެ.

ނަމަވެސް ގާޒީ ފާއިޒް ސަސްޕެންޑްކޮށް ފުރަތަމަ ޖޭއެސްސީ އިން ނެރުނު ބަޔާނުގައި ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒުގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެއް ވެސް ލީކްވިއެވެ. ނަމަވެސް ޖޭއެސްސީ އިން ވިދާޅުވެފައި ވަނީ ލީކްވި އޯޑިއޯ އިން އިވެނީ އެގާޒީންގެ އަޑު ނޫން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގެންނެވި ފަހުން ވެސް ރައީސް ޔާމީން ވަނީ އޯޑިއޯތަކުން އަޑު އިވޭ ގާޒީންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަޑު ދިމާވާނަމަ ހުކުމް ބާތިލް ވީ. ފާއިޒް ރަޝާދު ދުއްވާލަން ކިތަންމެ ބޭނުން ނަމަވެސް، ދެން އެކަމެއް ވާކަށް ނެތް. ދިވެހި ފުލުހުން ހެދި ރިޕޯޓެއް އަކުން މެލޭޝިޔާ އިން ހަސަން ޖެހުނީ އެހެންވެ.

  2. ނާޅި

    ޖޭއެސްސީ މާދެން މިނިވަން ނަޒާހައްތެރި ބަޔެއްކަމަށް ދައްކަން ގޭސްއަބުރަނީ ' ޔާމީން މިނިވަންކުރީވެސް ޖުޑިޝަރީ އާއި ޖޭއެސްސީ މިނިވަންކަން ދައްކަން ! ޖޭއެސްސީ އަކީ ސިޔާސީ ވަފާތެރި ކެހިވެރިން މޮޑޭ ފުއްގަޑެއް ނުންތޯ ؟

  3. ރިވެތި

    ޖަވާބުދާރީ ކޮއް ތަޅާ މަރާ ބިރުދެއްކީމާ ކުރިންދިމާ އަޑުވެސްދިމާވެ މީހާ އާ ކިތަންމެގުޅޫމެއްވިޔަސް ވަޒީފާގެ ދަހިވެތިކަމުގާ ޖެހޭނީ އަޑުވެސް ދިމާ ނުވެޔޭ ބުނަން 2 އަގައިން ވާހަކަ ދެއްކުމަކީ އިބޫސަރުކާރުގެ އަލާމާތެއް ރައްޔިތުންނޭ ވިސްނާލަބަލަ މީހަމަ ހެޔޮވެރިކަން

    2
    1