ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިތުރު ދެ ރަށަކަށް މިއަދު އަރާ ފޭބުން މަނާކޮށްފިއެވެ.
މިއަދު އަރާ ފޭބުން މަނާކޮށްފައި ވަނީ ގދ. ވާދޫއަށާއި، ށ.މިލަންދަށެވެ. މިއާއެކު ކޮވިޑާއި ގުޅިގެން ބަންދު ކުރި ރަށްތަކުގެ އަދަދު ވަނީ 29 އަށް އަރާފައެވެ.
ގދ.ވާދޫ ކައުންސިލަރ ޙަސަން ޢަބްދުﷲ “ވަގުތު” އަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށް މޮނީޓަރިންގ އަށް ލާފައި ވަނީ މާލެއިން ވާދޫއަށް އައި މީހުންގެ ތެރެއިން ހަ މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ކަމަށެވެ. އެމީހުން ފައްސިވިކަން އެނގުނީ ކަރަންޓީނުގައި ތިއްބާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ރަށުތެރޭގައި ކޮވިޑްގެ ވޭދަނަތައް ނެތްކަމުގައި ވިޔަސް ރައްކާތެރި ފިޔަވަޅެއްގެ ދަށުން ރަށް މޮނީޓަރިންގ އަށް ލީ. މީގެ ސަބަބުން ވިޔަފާރިތައް ހުއްޓިގެން ނުވާނެ. އަދި މިއީ އެންމެންގެ ރައްކާތެރިކަމަށް ކުރި ކަމެއް“ ވާދޫ މޮނީޓަރިން އަށް ލާފައި ވަނީ އެރަށް މޮނީޓަރިންގ ގައި އޮވެ ނެގިތާ މާ ގިނަ ދުވަހެއް ނުވަނީސް ކަން ހާމަކުރައްވަމުން އޭނާ ވިދާޅުވިއެވެ.
ށ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ އާޠިފް ”ވަގުތު” އަށް ވިދާޅުވީ އެރަށް މޮނީޓަރިންގ އަށް ލާފައިވަނީ ކޮވިޑް ވޭދަނަތައް އިތުރުވުމާއި ގުޅިގެން ކަމަށެވެ. އެރަށް މޮނީޓަރިންގ އަށް ލީކަމުގެ ރަސްމީ ލިޔުން އަދި ލިބިފައި ނުވާއިރު ރަށުން މިހާރު ފައްސިވެފައިވާ މީހުންގެ އަދަދު 83 އަށް އަރާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މިލަންދޫގެ 36 ގެއެއް މިހާރު ކަރަންޓީނުގައި ހުރިއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ އެންމެ ދެ މީހުން ކަމަށް ކައުންސިލުން ބުނެއެވެ.
މިއީ 2،700 މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މިލަންދޫ މޮނީޓަރިންނަށްލީ ތިންވަނަ ފަހަރެވެ.
ތިތާކަށް ކޮމަންޑޫ އެއް ނާރާނެ