ހުސްކުރަން އަންގާފައިވާ ނިއު ޕޯޓްގެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިއު ޕޯޓް އިމާރާތް ހުންނަ ބިމުން ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދަން މީރާއިން އަންގަނީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި އެހެންކަމުން އެބިމަކީ ކައުންސިލްގެ ބިމެއްކަން އެނގޭ ކަމަށެވެ.

ބްރިޖް ވިއު ފްލެޓުފޯމާ އެކު ހިންގަމުން ދިޔަ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކޮށް، އެ ބިން ދައުލަތަށް ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

އެ ބިން ދައުލަތާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން ހުރަސްއަަޅާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ކައުންސިލްގެ ބިމަކަށް ނުވާ ނަމަ، އެ ބިމުން ކުލި ނަގަން އަންގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ނަރީޝް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށިއިރު ވެސް އެ ބިމަކީ އެއްވެސް ބައެއްގެ ރަޖިސްޓްރީގައި އޮތް ބިމެއް ނޫނެވެ. "ކައުންސިލާ ބެހޭ ބިމެއް ނޫން ނަމަ، ކައުންސިލްއާ ދެކޮޅަށް ކޯޓުތަކުގައި މައްސަލަ ނުހިނގާނެ" އޭނާ ވިދާޅުވި އެވެ.

ސްޓްރާޑާ ކުންފުނިން ހިންގާ ނިއު ޕޯޓްގެ ބިން ދައުލަތަށް ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދަހަމަހައްޓަން ހައި ކޯޓުން އަމުރުކުރީ މިދިޔަ އަހަރު އޮކްޓޯބަރު 11 ގަ އެވެ.

ކުރީގެ ސަރުކާރުގައި 2016 ގައި އެ ބިން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތަރައްގީކޮށް، އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރުކަން ކުރެއްވި ޒާހިދު ރަމީޒުގެ ހިއްސާ އޮންނަ ސްޓްރާޑާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފައި ވަނިކޮށް، އެތަން ހުސްކުރަން ސަރުކާރުން އެންގީ މި އަހަރުގެ ކުރީކޮޅު އެވެ.