މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެތި ހުރިހާ ފަރާތްތަކުން ވެސް އެކި ކަހަލަ ބޮޑެތި ވިޔަފާރިތަކަށް އިންވެސްޓްކޮށް، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގައި ވަކި ހިއްޕާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގެ ވިޔަފާރިތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކުތަކުގެ ބޮޑުން އުޅޭކަން ފުލުހުން ހާމަކޮށްފައިވަނީ މަސްތުވާތަކެތީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އެ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.

ފުލުހުން ހާމަކުރި ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޮޑެތި ހުރިހާ ޑްރަގް ނެޓްވޯކްތަކުގެ ބޮޑުންވެސް ކޮންމެވެސް ކަހަލަ ބޮޑު ވިޔަފާރިއަކަށް އިންވެސްޓްކޮށްފައިވާކަން ހާމަކުރައްވާ ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގައި ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިން ހޯދާ ކަޅު ފައިސާ ދޮންނަން އެކިކަހަލަ ވިޔަފާރިތައް ބޭނުން ކުރަމުންދާކަން ފާހަގަ ވެފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ވެއްޓެއްގެ ގޮތުގައި ދައްކާލުމަށް ހަދާފައިވާތަނެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

 

އެގޮތުން ގެދޮރުގެ ވިޔަފާރި ނުވަތަ ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރޭގައި ވެސް މަސްތުވާތަކެތި ނެޓްވޯކްތަކުގެ ބޮޑުން ހަރަކާތްތެރިވާ ކަމަށާއި އަދި ފިހާރަތަކާއި ރެސްޓޯރެންޓުތަކުގެ އިތުރުން އަގު ބޮޑެތި ކާރުތަކާއި ސައިކަލުތައް ވެސް އެފަދަ ފައިސާ ލޯންޑާ ކުރުމަށް ބޭނުން ކުރާކަން ފުލުހުން އިއްޔެ ވަނީ ފާހަގަކޮށްފައެވެ.

އަގުބޮޑެތި ސައިކަލުތަކާއި އަދި ގެދޮރުގެ އަގު ބޮޑު ވިޔަފާރީގެ ތެރޭގައި ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުން ވަކިހިއްޕާލާފައިވާއިރު މިފަދަ ނެޓްވޯކުތަކުން މި ވިޔަފާރިތައް ބޭނުން ކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައި ހުންނަ ކަޅު ފައިސާ ލޯންޑާކުރެއެވެ. މީގެ ކުރިން ރާއްޖޭގައި މި ވިޔަފާރި ކުރަމުން އައީ މިގޮތަށް ނޫން ކަމަށާއި މިހާރު މި ވިޔަފާރީގައި އުޅޭ ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ގާނޫނުތަކަށް އަހުލުވެރިވެފައިވާކަން ފުލުހުން ފާހަގަ ކުރިއެވެ.

މަސްތުވާތަކެތި ވިއްކަނީ ވެސް ވިކުރާއެއްގައި ނޯޓު ކޮށްގެން

އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ވެސް އެ ވިޔަފާރިއާއި ގުޅޭ ހިސާބުތައް ގަވާއިދުން ބަލަހައްޓަމުން ގެންދާ ކަމެވެ. އެގޮތުން މަސްތުވާތަކެތި ވިއްކާ ފަރާތްތައް އަތުލައިގަންނައިރުގައި ވިއްކި އަދަދާއި ގަތް އަދަދު ފެންނާނެހެން ވިކުރާއެއް ބެލެހެއްޓިފައިވާ ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކުރީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރެވިގެން އައި ގޮތާއި މިހާރު އެވިޔަފާރި ކުރަމުން އަންނަ ގޮތް ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިހާރު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އެކަން ކުރަމުން އަންނަނީ ދުރާލާ ރޭވިގެން ވަރަށް ބޮޑަށް ރޭވުންތެރި ކަމާއެކުގައި ކަން ހާމަ ކުރައްވާ ފުލުހުން ވިދާޅުވީ ވިއްކުމުގައި ހަރަކާތްތެރިވާ މީހުންވެސް އެކަން ކުރަނީ ޑިއުޓީ ބަހައިގެން ޝެޑިއުލް ކުރެވިގެން ކަމަށެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން

މިގޮތުން ވިއްކުމުގައި ހަރަކާތްތެރިވާ މީހުންނަށް ޑިއުޓީތައް ބަހާ ޝެޑިއުލްކޮށް ގަވާއިދެއްގެ ދަށުން ކުރިޔަށް ގެންދާއިރު އެކަމުން ލިބޭ ފައިސާ ވެސް އެނގޭނެހެން ހިސާބު ބަލަހައްޓާކަމަށް ފުލުހުން ހާމަކުރިއެވެ. މިގޮތަށް އެ ހިސާބުތައް ބެލެހެއްޓިގެން މި ވިޔަފާރި ކުރަނީ އެ ފައިސާ ލޯންޑާ ކުރަން ފަސޭހައަކަށް ކަމަށް ބެލެވެއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު އަވަސް އަދި މުހިއްމު ފިޔަވުތަކެއް ނޭޅިއްޖެ ކަމުގައިވާނަމަ ހާލަތު ގޯސްވެގެންދާނެއެވެ. މިގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދައުރު ކުރުމަށް ތައްޔާރުކޮށްފައި މިވަގުތު ވެސް 200 ޓަނުގެ ހެރޮއިން ހުރިކަން ހޯދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކަނޑު މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ އެކަން ކުރަމުން އަންނަނީ ވަރަށް ރަނގަޅަށް ހިސާބު ޖަހައިގެން ބެލުމަށް ފަހުގައި ޕްލޭން ކުރެވިގެން ކަމަށެވެ. މިގޮތުން އަބަދުވެސް އެކަން ކުރަމުން އަންނަނީ އެއިރަކު ކުރެވެން އޮންނަ ގޮތެއް ބަލައިގެން ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ އާންމުކޮށް އެގޮތަށް ބޭނުންކުރާ ބްލައިންޑް ސްޕޮޓްސްތައް ކަވަރ ކުރުމަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދަން ފެއްޓުމުން އަނެއްކާވެސް އެމީހުން އެކަން ކުރާ މަގުތައް ބަދަލުކޮށް ޓްރެންޑް ބަދަލުކޮށްލާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަދުރޭ

    މާފިޔާތައް އެކި ޤައުމުތަކުގައި އުފެދުނު ހެން ރާއްޖޭގައި ވެސް އުފެދި ބައެއް ސަރަޙައްދުތަކަށް ފުލުހުންނަށްވެސް ނުވަދެވި ހަތިޔާރު އަޅައިގެން ތިބޭ މީހުންނާ ފުލުހުން ހަނގުރާމަ ކުރަން ޖެހޭ ހިސާބަށް ނުގޮއްސިއްޔާ ރަނގަޅު

    33
  2. Anonymous

    އިނޑިޔާއާ ގުޅިގެން ތިކަން ކުރަން ފެނޭ.

    4
    20
  3. ނިމުން

    ޑްރަގު ތިޔާގިވާނެ ކެމްޕެއިނެއް ކައިރިވާ އިރަށް. މިހާރު ތިޔާގިވެގެން އުޅެނީ މިދިޔަ ހަފްތާގަ ނިމުނު ކެމްފެއިނަށް ނެރުނު އެތިކޮޅު. އަދި ކިތަންމެ ބޯޓެއް ފަރަށް އަރާނެ 2023 ކެމްފެއިން ފެށޭއިރަށް. އިންޑިޔާ އައުޓް ހަރަކާތްތަކާ އެކު އިދިކޮޅު ޖަލަށް ލަނިކޮށް ޑްރަގު މަދުވީ

    5
    12
  4. މުހަންމަދު

    ދެރައީ ކަލޭމެނަށް ތިކަންކޯޓުގައި ސާބިތު ކޮށްނުދެވޭތީ......

    36
  5. ޑައެލޯގް

    ހޫން ދެންތިކަންރަގަޅުވާންއަންނަނީ އިންޑިޔާސިފައިން ބައިތިއްބައިގެންނޭބުނާށެވެ. ތިޔައެތެރެކުރަނީވެސް އިންޑިޔާމީހުނެވެ. ތިޔަ އިންޑިޔާއަށް މިގައުމުދިންފަހުން މަސްތުވާތަކެތި ކުރުދޮށީގައިލިބެއެވެ.

    17
  6. ޖުލައި

    ޤާނޫނުތައް ހަދައިގެން މަސްތުވާ ތަކެތީގެ އެކި ކަންކަމުގަ އުޅޭ މީހުން މަރަންވީ.

    35
  7. ޙަަަހަ

    ދުވަހަކުވެސް ތިބުނާ ބޮޑުންގެ ނަމެއް ވަނަވަރެއް ހާމައެއް ނުކުރެވޭ ، ސިޔާސީ ބޭނުމަށް އެއިރަކު މަޤުބޫލު މީހެއްގެ ވާހަކަ އާދޭ

    20
  8. ހުސޭނުބޭ

    ދަތުރުފަތުރުގެ ނިޒާމުރަގަޅުވިވަރަކަށް މަސްތުވާތަކެތީގެ ވިޔަފާރި އެންމެކުރިއަރަނީ މާލޭގަ އެކަނިއެއްނޫން ތިޔަކަހަލަ ތަންތަން ހުރީކީ ނ.މަނަދޫއަކީވެސް ވަރަށްފުޅާދާއިރާއެއްގައި ތިޔަވިޔަފާރި ކުރާރަށެއް

    10
    1
  9. ރައްޔިތު

    ކުޑަ ރައްތަކެއް މިތާގައި ތިބީ އެރަށެއްގެ ކައުންސިލުން ހުއްޓުވަން ބޭނުމިއްޔާ ހުއްޓުވޭނެ އެގިހުރެ ފޮރުވަން މަސައްކަތް ކުރަނީ ވަރައް ސާފު

    16
  10. ކާފަބޭ2020

    މަސްދުމަށިބަލަހައްޓަން ބުޅަލާ ހަވާލުކުރީމަދެންހަކުރުގިނަވޭ! ސަދޫމު ސިޓީގެއިންސާފަށް އިންސާފުބައްޓަންވީމަދެން ދިޔާތަކެތިއުފުލޭމިންވަރުގިނަވޭ! ތިމާކުރާކަމެއްނޫންއެހެންމީހުން ކުރާކޮންމެކަމަކީގޯސްކަމަށްދެކޭމީހުން ވެރިންކަމުގައިތިބޭނަމަ ދެން މަސްތުވާތަކެތިގިނަވޭ! ފާޅުގައިހިންގާޖަރީމާތަކަށް ފިޔަވަޅުނޭޅޭނަމަ ދެންކޮރަޕްޝަންގިނަވޭ!

  11. ހައިރާން

    މިކަން ހުއްޓުވޭނީ މިއަށްވުރެ ކުދިކުދި އަދި ލޮލަށް ރޯމާދުވާލު ފެންނަން ހުންނަ ކަންކަން ހުއްޓުވައިގެން. ސިފައިންގޭގެ އިރުމަތީ މަގުގައި ސައިކަލް ޕާކްކުރުމަށް ޚާއްޞަ ބޯޑެއް ޖަހާފައި ހުންނަ ތަނާއި ޕާކުކުރުން މަނާ ރޮނގު ދަމާފައި އޮންނަ ތަނުގައި ޕިކަޕާއި ކާރު ރެޔާދުވާލު ޕާކުކޮށްފައި އޮންނަ ތަން ނުފެންނަ ބަޔަކަށް އެހެން ކަމެއް ހުއްޓުވޭނެ ކަމަށް ގަބޫލުކުރުމަކީ މުސްތަހީލުކަމެއް.

  12. ގައިދުރު

    މިހުރިހާކަމެއް އެނގޭ އިރު ކޮންފިޔަވަޅެއްތޯ އެޅުނީ ތިކަން ހުއްޓުވަން..ހުސް ބައިލިބޭމީހުން ކެޔޮޅުން ފަޅުވެރިން. ދެން ހުއްޓާނީ ކާކުތޯ