ރާއްޖެއިން ބޭރުން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރާއިރު ޑީލްގެ ގެރެންޓާއެއްގެ ގޮތުގައި މަސްތުވާތަކެތި ވިއްކާ ނެޓްވޯކްތަކުގައި ހަރަކާތްތެރިވާ ޒުވާނުން ބޭނުން ކުރާކަން ދިވެހި ފުލުހުންނަށް ވަނީ އެނގިފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުން ފާހަގަ ކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގައި ޑީލްގެ ގެރެންޓާއެއްގެ ގޮތުގައި މަސްތުވާތަކެތި ވިއްކާ ނެޓްވޯކްތަކުގައި އުޅޭ ދިވެހި ޒުވާނުން ބޭރުގެ ގައުމުތަކުގައި ރަހުނެއްގެ ގޮތުގައި ބޮޑެތި ޑީލަރުން ބަހައްޓާ ކަމަށެވެ.

އާންމުކޮށް ބޮޑެތި ބޭންކުތަކާއި އެކުގައި މުއާމަލާތްތައް ކުރާއިރުގައި ވެސް ނުވަތަ އެނޫންވެސް ބޮޑެތި އަދަދުތަކުން މުއާމަލާތް ކުރަން ޖެހޭ ވިޔަފާރި މުއާމަލާތްތަކުގައި އަނބުރާ ފައިސާ ދެއްކޭނެކަމުގެ ޔަގީން ކަމެއްގެ ގޮތުގައި ގެރެންޓާއެއް ނުވަތަ މުދަލެއް ރަހުނު ކުރެއެވެ.

މިހާރަކަށް އައިސް ރާއްޖޭގެ ޑްރަގް ނެޓްވޯކްތަކުން ބޭރުގެ ބޮޑެތި ޑީލަރުން އަތުން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރާއިރުގައި ގިނައިން ގެރެންޓާއެއްގެ ގޮތުގައި ފޮނުވަނީ ނެޓްވޯކުގެ ތެރޭގައި ހަރަކާތްތެރިވާ ޒުވާނުންނެވެ. މިގޮތަށް ފޮނުވި ދެ ޒުވާނެއްގެ މައުލޫމާތު ފުލުހުން ވަނީ ނޫސްވެރިންނަށް އަރުވާފައެވެ.

ދާދިފަހުން އާއިލާއިން ގެއްލިގެން ހޯދި ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު 25 އަކީވެސް އެފަދަ ޑްރަގް ނެޓްވޯކަކުން ހިންގި ޑްރަގު ޑީލެއްގައި ގެރަންޓާއެއްގެ ގޮތުގައި ބޭރުގެ ގައުމެއްގައި ރަހުނު ކުރި ޒުވާނެކެވެ.

ޑްރަގް ނެޓްވޯކްގެ ދަށުގައި ރަހުނުކުރިކަމަށް ބުނާ މިސްބާހު

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން 2020 ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މިސްބާހު ވަނީ ދުބާއީ އަށް ގޮސްފައެވެ. އަދި މިސްބާހު ފުރުވަން އެހީތެރިވެފައިވަނީ ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ.

އިރުފާން އަކީ މިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި މީހެކެވެ. އޭގެ ފަހުން މިސްބާހު ޕާކިސްތާނަށް ދިޔަކަން ވަނީ އެނގިފައެވެ. ވިސާ ހަމަވެގެން މާޗް މަހުގެ ތެރޭގައި މިސްބާހު ޕާކިސްތާނު އެމްބަސީ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވެއެވެ. މިސްބާހު ވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެ އައިސްފައެވެ.

މިސްބާހު ބޭރުގެ ގައުމަކަށް ގޮސްފައިވަނީ މަސްތުވާތަކެތި އެތެރެ ކުރުމަށް އިރުފާންގެ ޑުރަގު ނެޓްވޯކުން ކުރިޔަށް ގެންދިޔަ "ޑީލެއް"ގައި ގެރެންޓާއެއްގެ ގޮތުގައެވެ. މިފަދައިން ގެރަންޓާއިންނަށް ދާ މީހުންނަށް ނުރައްކާތެރިވަނީ ފުލުހުން އެތަކެތި އަތުލައިގަތުމުން ކަމަށާއި އެމީހުން ބޭނުންވާ ގޮތަށް ގަނެ ވިއްކުމުގެ މުއާމަލާތް އެއްކޮށް ކުރެވިއްޖެ ނަމަ އަނބުރާ އަނެއްކާވެސް ގެރެންޓާ ފޮނުވާލާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

ރޮއެރޮއެފައި ޒުވާނާކުރި އާދޭސް "ފުރާނަ ސަލާމަތް ކޮށްދީ"

މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ރާއްޖެ ގެންނަން އުޅުނު ގިނަ އަދަދެއްގެ ޑްރަގްސް ޝިޕްމަންޓެއްގެ ގެރެންޓާއެއްގެ ގޮތުގައި ފޮނުވި ޒުވާނާގެ އާދޭސް ކުރަމުން ދިޔައީ ފުރާނަ ސަލާމަތް ކޮށްދިނުމަށެވެ. ޒުވާނާގެ އާއިލާގާތުގައި ޒުވާނާ ގިސްލާ ރޮމުން އެދެމުން ދިޔައީ އޭނާ ސަލާމަތް ކޮށްދީ އަނބުރާ ގެންގޮސް ދިނުމަށެވެ.

"ބްރޯ ވިސްނާލަބެ ދޯ. ވިސްނާލަބެ މަށަށް ވާނެ ގޮތް" ދެން އަނބުރާ ރާއްޖެ ދިއުމުގެ ފުރުސަތު ނުދީ މަރާލާނެ ކަމަށާއި އެހެންނަމަވެސް ބޭރު ގައުމެއްގައި ރަހުނެއްގެ ގޮތުގައި އޮވެ މަރުވެދާން ބޭނުންނުވާ ކަމަށް ބުނެ އެ ޒުވާނާ އާއިލާއަށް ފޯނުކޮށް އާދޭސް ކުރަމުން ދިޔަ އޯޑިއޯ ފުލުހުން ނޫސްވެރިންނާ ހިއްސާ ކުރިއެވެ. އަދި އެ ޑީލަރުން އޭނާ އަނިޔާވެރިކޮށް މަރާލާނެ ކަމަށާއި އެހެން އެކަން ކުރިޔަ ނުދީ އޭނާ ސަލާމަތް ކޮށްދިނުމަށް ވެސް ޒުވާނާގެ އޭނާގެ އާއިލާގެ ކިބައިން އެދެއެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން

"ބްރޯ މަށަށް ވާނެ ގޮތަކާމެދު ވިސްނާލަބަ ބްރޯ. މަ މި އިންނަނީ މިހާރު 50/50ގަ ބްރޯ. އޭގެ ކުރިން މަ ބަލައިއާދެބަ. ބްރޯ ހެޔޮނުވާނެ. މަ ބޭނުން މަންމަވެސް އާއިލާވެސް. މަ ބޭނުމެއް ނޫން މިތާ އޮވެ މަރުވެގެންދާކަށް. ހެޔޮ ނުވާނެ الله އަށްޓަކައި ބްރޯ. ހެޔޮނުވާނެ." އޭނާ ރޮމުން އާދޭސް ކުރެއެވެ.

އޯޑިއޯއާއިއެކު ފުލުހުން ވަނީ އެފަދަ ގެރެންޓާއެއްގެ ފޮޓޯ ނޫސްވެރިންނަށް ދައްކާލާފައެވެ. އަތްފައިގައި ޗެންޗޭނު ޖަހައި, ބިންމައްޗަށް އެއްލާލާފައި އޮތް ދިވެއްސެއް ފެންނައިރު، ހުދު ކުލައިގެ ހެދުމެއްގައި އޮތް އެމީހާގެ ދެ އަތް އޮތީ ފަހަތަށް އައްސައިފައެވެ. ކަރުގައިވެސް ޗެންޗޭނު ޖަހައި, ހިރި ނުލެވޭ ވަރަށް އޮތީ ބަދެފައެވެ. އޭނާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަން ފެންނަން ހުއްޓެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި މިހެން ގެރެންޓާއިންގެ ގޮތުގައި ފޮނުވާ މީހުން އެފަދަ ހާލަތެއްގައި ދެން ސަލާމަތްވާނީ އެމީހުން އެދުނު މިންވަރަކަށް ލާރި ދީގެންނެވެ. އަދި އެމީހުން އެ ޝިޕްމަންޓުތަކުގެ ސަބަބުން އެމީހުންނަށް ލިބުނު ގެއްލުމުގެ އަގު ކަވަރުވާވަރުގެ ބޮޑު އަގެއް ކިޔާނެ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

އެހެންކަމުން މިގޮތަށް ގެރަންޓާއިންނަށް ދާ މީހުން އެފަދަ ހާލަތެއްގައި އަނބުރާ ރާއްޖެއަށް އާދެވުމަކީ ވަރަށް ނާދިރުކަމަކެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ގިނަ އަދަދެއްގެ ޒުވާނުން ތިބުމާއިއެކު މިފަދަ ނެޓްވޯކްތަކަށް ގެރެންޓާއިން ހޯދުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

އަދި މިފަދަ ނުރައްކާތެރި ކަންކަން ކުރަން ވެސް މި ވަބާގައި ޖެހިފައިތިބޭ ޒުވާނުން ޖެހިލުންނުވާ ކަމަށާއި ރާއްޖޭގެ ހާލަތު މިހާރު އޮތީ ވަރަށް ބޮޑަށް ބޮއްސުންލާފައިކަން ފާހަގަ ކުރައްވާ ފުލުހުން ވިދާޅުވީ އެފަދަ ނެޓްވޯކްތައް ހުއްޓުވުމަށްޓަކައި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ގާނޫނީ ގޮތުން ހުންނަ ބާގަނޑުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ކުށްވެރިން ސަލާމަތްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޗެންޗޭނު

    ޗެންޗޭނު ކިޔަނީ ތަންތަނުގެ އިން ނުވަތަ ވަކި ސަރަހައްދެއް ވަކިކުރަން ހުންނަ ހުރަހަކަށް. އެއީ މީހުންގެ އަތްފައިގައި ޖަހާ އެއްޗެއް ނޫން.

    13
    6
  2. އައުޓް

    މިއޮތީ މިހާރުގެ ސަރުކާރުން މަސްތުވާތަކެތީ ގެ ކަންކަން ހައްލުކޮށްފައެއް ނޫންތަ؟ މެނީ ފެސްޓޯގައި ކީކަންނޭގެ މިކަންކަންވެސް މިހާ ރަނގަޅަށް ހައްލުކޮށްދޭނަމޭ. ހޭންވެސް ބޭނުން، އެކަމަކު ހޭކަހަލަ ކަންކަމެއް ނޫން މިވަރަށް ރާއްޖެ ހަލާކުގެ ތެރެއަށް ވައްޓާލުމަކީ

    17
    2
  3. ހުވަދޫ އަލިބެއްޔާ

    ލ.އަތޮޅުން ގެއްލުނު ޝިމާ!!!! އަނެއްކާ ޑްރަގް ނެޓްވޯކެއްގެ ބޯޓަކަށް ލާފަ ފޮނުވާލީ ނޫންބާ؟؟

    23
    1
    • ދިގުއަކަ

      ވަރަށް ވެދާނެކަމެއް. އެކުއްޖާ ކޮބައިބާ؟

      7
      1