ރާއްޖެ އަށް އިންޑިއާ އިން "ހަދިޔާކުރި" ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ދިވެހި ސަރުކާރުން ދީފައިވާ މުއްދަތު ހަމަވިއިރު ވެސް ހެލިކޮޕްޓަރުތައް އަނބުރާ އިންޑިއާ އަށް ގެންގޮސްފައި ނުވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ދުއްވާ ހެލިކޮޕްޓަރުތައް އަނބުރާ އިންޑިއާ އަށް ގެންދަން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް އެންގުމުން މައްސަލަތައް ހައްލު ކުރުމަށް ދެގައުމުގެ އިސް ޑިޕްލޮމެޓުން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. މިދިޔަ މަހުގެ ފަހުކޮޅު އެމަޝްވަރާތައް ކުރިއަށް ގެންގެންދިޔަ ނަމަވެސް ހައްލެއް ނުލިބުމުން ދިވެހި ސަރުކާރުން ވަނީ ޖޫން މަސް ނިމެން ވާއިރަށް ހެލިކޮޕްޓަރުތައް އިންޑިއާ އަށް ގެންދަން އަންގާފައި ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެއެވެ.
އިންޑިއާގެ ނޫހަކަށް މައުލޫމާތު ދިން އެގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މިހާރު ހެލިކޮޕްޓަރުތައް ނުގެންދެވި ލަސްވަނީ މޫސުން ހުރި ގޮތުން ހެލިކޮޕްޓަރުތައް ގެންދެވޭނެ ރައްކާތެރި މާހައުލެއް ނެތުމުންނެވެ.
"ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އޮތީ އައްޑޫ ސިޓީގައި. އައްޑޫ އިން އިންޑިއާ އާއި ދެމެދު 1000 މޭލު އެބަހުރި. އެއީ ހެލިކޮޕްޓަރަށް ކަޑައްތު ކުރެވޭނެ ވަރުގެ ދުރުމިނެއް ނޫން. އެހެންކަމުން ހެލިކޮޕްޓަރުތައް ފުރަތަމަ ގެންދަން ޖެހޭނީ މަނަވަރަކަށް. މޫސުން މިވަގުތު އޮތް ގޮތުން އެއޮޕަރޭޝަން އަދި ކުރިއަށް ގެންދެވޭކަށް ނެތް." އިންޑިއާގެ އޮފިޝަލަކު ވިދާޅުވިއެވެ.
އެހެން އޮފިޝަލަކު ވިދާޅުވީ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ދިވެހި ސަރުކާރުން އެންގި ނަމަވެސް ހެލިކޮޕްޓަރުތައް އަވަހަށް ގެންދިއުމުގެ ވިސްނުމެއް އިންޑިއާ ސަރުކާރުގެ ނެތެވެ. އިންޑިއާ ސަރުކާރުން އަދިވެސް މަޑުކުރަމުން ގެންދަނީ ދިވެހި ސަރުކާރުގެ ޚިޔާލު ބަދަލުވެދާނެ ކަމަށް ކަމުގައި އޮފިޝަލް ވިދާޅުވިއެވެ.
އިންޑިއާގެ ދެހެލިކޮޕްޓަރު ގެންދަން ދިވެހި ސަރުކާރުން އަންގާފައި ވަނިކޮށް ގިނަ ވަސީލަތްތައް ހިމެނޭ ސީއެނބިއުލެންސް އެއް ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާކަން އިންޑިއާގެ މީޑިއާ އިން އިއްޔެ ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ފަހަކަށް އައިސް ގޯސްވެފައި ވަނީ ޗައިނާގެ ނުފޫޒުގެ ސަބަބުން ކަމަށް އިންޑިއާ އިން ތުހުމަތު ކުރެއެވެ. ނަމަވެސް ރާއްޖެ އިން ތަކުރާރުކޮށް ބުނަމުން ދަނީ ރާއްޖެ އިން އަބަދުވެސް އިސްކަން ދޭނީ ހާރިޖީ ދާއިރާގައި އިންޑިއާ އަށް ފެންނަ ގޮތަކަށް އަމަލު ކުރާށެވެ.
އަވަހަށް ނައްތާލާ
ނުގެންދަން ދައްކާބަހަނާތީ.މަލިކައްދެވޭނެދޯ އެހިސާބުން ހަފޮޅުން ބޭރުވީދޯ.މިފަހަރު ވާނީ ފޮނުވާލަންހަމަ.
ނުގެންދާނެއްނު. އިއްޔެ ތައްޔާރުގެން ތިބީ ޔާމީނުގެ ވެރިކަން އީޔޫއިން ވައްޓާލާނެކަމަށް ބަލައިގެން ވިއްޔާ.
ހެލިކޮޕްޓަރު ބާއްވާފަ ޖާސޫސުންތައް ރަށަށް ފޮނުވާލާ!
ހަމަށް ތެޔޮ އަޅާފަ ފުރުވާލާ
ޔަގީން ތިޔައުޅެނީ އިންތިޚާބުގައި ކޯޅޭޝަންއަށް ކާމިޔާބު ލިބޭނެކަމަށް ހީކޮށް ނުގެންދަން. އޭރުން މިތާހަންފެތުރޭނެންނު. އިރާދަކުރެއްވިއްޔާ ކާމިޔަބެއްނުވާނެ. ޖެހޭނީހަމަގެންދަން.
ޗައިނާއިން އެމްބިޔުލާންސް ދިނީ. އިންޑިއާއިން އިންޑިޔާ ސިފައިން މެދުވެރިކޮށް މިރާއްޖެއަށް ފާރަލާން ބާއްވައިގެން އުޅޭ ދެ ހެލިކޮޕްޓަރު. ހަދިޔާއެއް ނުކުރޭ.
ހެލްކޮޕްޓަރ ނުގެންދަންޏާ ސިފައިތައް ފޮނުވާލާ! ޖާސޫސްކުރާން މިޤައުމުގައި ބައިތިއްބާނެކަމެއްނެތް.
ޖަރީމާ ރައީސް ބުނީ އިންތިޚާބުނިމެންދެން މަޑުކުރާށޯ. އަހަރެމެންނަށް ވެރިކަން ލިބެންދެން. އެހެންވެ މަޑުކުރަނީ.
ސައިކަލްތަކާއެކު ޓޯޔާޑަށް ފޮނުވާލަ!!!!!!
މިހުންނަނީ އޮޅުވާލާފަ ހުންނަވަރު. ދިވެހިންނަށް 02 ހެލިކޮޕްޓަރ ހަދިޔާ ކުރީއޭ ކިޔައިގެން މީޑިއާ ސްޓަންޓް ޖައްސާ މިއޮށް ހުރިހާ ދުވަހު އިންޑިއާ ވަރުގެ ހެޔޮބައެއް ނެތްކަން ދައްކަން ސަރުކާރުގެ ވެރިންނަށް މަޖްބޫރުކޮށްގެން މިއުޅުނީ. ދިވެހިން ގަބޫލޫކުރާ ހަދިޔާ ކުރުމެއްނޫންތީ. އިންޑިއާއިން އަދި އިންޑިއާ މީހަކުވެސް މީހަކަށް ހެޔޮހިތުން އެއްޗެއްދޭނެ ކަމާމެދު މަށަށް ޝައްކު.
ތި ނުގެންދާ މަޑުކުރަނީ އިންތިހާބު ނިމެންދެން. އިންޑިއާ އަށް ވެސް އިނގޭ އިންތިހާބު ގގައި ޔާމީން ބަލިވާނެކަން.
ކަނޑު ފައްތާ ކޮން އުނދަގުލެއް.
އެގޮތަށް ނުގެދެވޭނަމަ ރޫޅާލައިގެން ބަސްތާތަކަށްއަޅައިގެންވެސް އަވަހަށް ގެންދޭ