ލ. އަތޮޅުގެ ތިން ސަރަހައްދެއް އެންވަޔަރަމެންޓް މިނިސްޓްރީން ހިމާޔަތް ކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ލ. އަތޮޅުން ހިމާޔަތް ކޮށްފައިވާ ތިން ސަރަހައްދަނީ ހިތަދޫ ކަނޑު ސަރަހައްދާއި، ގާދޫ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދުގެ އިތުރުން އެ އަތޮޅު ބޮޑުފިނޮޅާއި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދެވެ.

މިިނިސްޓްރީން ބުނީ ގާދޫ ވެލާ އަރާ ސަރަހައްދު ހިމާޔަތްކޮށްފައި ވަނީ އެއީ މޫދު ވިނައިން މުއްސަނދިވެފައިވާ އަދި ކަހަނބާއި ވެލާ ބިސްއަޅައި ވިހާ އާލާވާ ކަމަށް ފާހަގަ ކުރެވޭ ސަރަހައްދަކަށް ވާތީ ކަމަށެވެ.

ގާދޫ ވަށައިގެންވާ ފަރާއި ފަޅަކީ ވެލާއި ކަހަނބާ އަދި އެ ސަރަހައްދުގައި ދިރިއުޅޭ 91 ބާވަތެއްގެ ދިރުންތަކަށް ބޭނުންވާ ކާނާ އާއި އަދި ވިހައި އާލާވުމަށް ހާއްސަ ސަރަހައްދެކެވެ. ގާދޫގެ އިރުމަތީގައިވާ ޗަސްބިން ސަރަހައްދުގެ މީރު ފެންކުޅި އަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދިނުމާއެކު މޫސުމީ ދިރުންތައް ދަމަހައްޓައިދޭ ސަރަހައްދެކެވެ.

ގާދޫ ހިތަދޫ ކަނޑު ސަރަހައްދު ހިމާޔަތްކުރީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހާ އާލާވާ ކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދަކަމަށް އެތަން ވުމުންނެވެ. ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ކަހަނބާއި ވެލާ އަދި އެންމަޑިއާއި ފަރުމަހުގެ ބާވަތްތަކުގެ އިތުރުން މަޑި އާއި ތަފާތު ބާވަތްތަކުގެ މިޔަރު ވެސް ގާދޫ ހިތަދޫ ކަނޑު ސަރަހައްދުން ފެނެއެވެ.

ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު ހިމާޔަތް ކުރީ ފަރުމަހުގެ ބާވަތްތައް ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދަކަށް ވާތީއެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން އެންމަޑި، ކަހަނބު، ވެލާ އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެނެއެވެ. އަދި ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ.

ލ. އަތޮޅުން ހިމާޔަތް ކުރި މި ތިން ސަރަހައްދާއެކު ޖުމްލަ ހަ ސަރަހައްދެއް މިހާރު ވަނީ އެ އަތޮޅުގައި ހިމާޔަތް ކޮށްފައެވެ.