އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަކީ ރުޅިވެރިކަމާއެކު ހަޑިކޮށް، ފިތުނަވެރިކޮށް ވާހަކަދައްކާ މީހެއް ކަމަށާއި އެފަދަ މީހަކަށް ޕާޓީ އެކަތި ގަނޑަކަށް ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެ، ޕާޓީ ވަނީ ދެކަފިވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުންނާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވަނީ ދެ ފެކްޝަން އުފެދި، އާންމުންނާއި ހިސާބަށް ވެސް އެކަންކަން ތިލަވެފައެވެ.

މިގޮތުން ސަރުކާރު ފެކްޝަންގެ ފަރާތުން ރައީސް ސޯލިހްގެ އެންމެ އަރިސް އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އެމްޑީޕީީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާއިރު ނަޝީދުގެ ފަރާތުން ވާދަކުރައްވަނީ އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅާ ކަމަށްވާ އިންތިއެވެ.

އަންނަ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާއިއެކު އެޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ އިތުރަށް ގަދަވެފައެވެ. ކަން މިހެން އޮއްވާ ޗެއާޕާސަން ކަމަށް ކުރައްވާ ކެމްޕޭންގައި އިންތި ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުން ސަރުކާރު ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ރޮޒައިނާ ވިދާޅުވީ އިންތި ފަދަ މީހަކަށް ޕާޓީ އެއްބައިވަންތަ ނުކުރެވޭނެ ކަމަށެވެ.

އެޕާޓީގެ ޗެއާޕާސަނަކަށް އަންނަ މީހަކަށް މިއީ ސަރުކާރު ހިންގާ ޕާޓީކަން އެނގެން ޖެހޭނެ ކަމަށާއި މިވަގުތު ޕާޓީ ހިންގަން ޖެހޭނީ ވެސް އެގޮތަށް ކަމަށް ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އިދިކޮޅު މުޒާހަރާއެއްހެން އެތެރޭގެ އިންތިހާބު ސިފަވާ، އިދިކޮޅު ސްޓައިލްގައި ތާށިވެފައިހުރި މީހަކަށް އެމްޑީޕީގެ ޗެއާޕާސަންކަން ނުކުރެއްވޭނެ ކަމަށެވެ.

"ޗެއާޕާސަނަކަށް އަންނަ މީހަކީ ޕާޓީއެއްކޮށް ސަރުކާރާއި އާންމު މެންބަރުން ގުޅުވާލާ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭ ގޮތަށް އެމްޑީޕީ ހިންގާ މީހަކަށް ވާންޖެހޭ. މިހާ ފިތުނަވެރިކޮށް، ހަޑިކޮށް، ރުޅިވެރިކަމާއެކު ވާހަކަދައްކައިގެން ޕާޓީ އެކަތި ގަނޑަކަށް ނުހެދޭނެ" ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ މެންބަރުން ބޭނުންވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުވެސް އެމްޑީޕީން ކާމިޔާބުކުރަން ކަމަށާއި އެމްޑީޕީގެ ވެރިކަން އެންމެ ދޮޅު އަހަރުން ނިންމާލަން އުޅޭ މީހަކު ޗެއާޕާސަންކަމަށް ގެނައުމަކީ ކިހާ ބުއްދިވެރި ކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމީ ސަރުކާރާއި ގުޅިގެން 2023 ހޯދަން މަސައްކަތް ކުރާނެ ޗެއާޕާސަނެއް" ފައްޔާޒަށް ވޯޓު ދެއްވަން ޖެހޭކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދު

    ރޮޒޭނާ ތިޔަވިދާޅުވީ ވަރަށް ރަނގަޅުވާހަކައެއް! އެއީވަރަށް ޒާތީމީހެއް!

    13
    4
  2. ހާސިލް

    ގަރުނުގަވެސް ބުނެވުނު އެންމެ ތެދުވާހަކަ...ފިތުނައުފެއްދުމުގެ އެއްވަނަ

  3. ޖެން

    ޕާޓީ ބައިބައި ވި ކަމަށް ދެއްކިޔަސް އިދިކޮޅުން ނުހެއްލޭތި

  4. މެޓ

    އިންތި ގެ ރުޅިވެރިކަމުގެ ހޫނުމިން މި އަދު ހުރީ 43 ޑިގުރީ ގައި

  5. Anonymous

    ރޮޒޭ ބުންޏަސް ތީ ތެދެއް އިންތިއަކީވަރައްދޫ ނުބައި ފިތުނަ އުފއްދަން ކުޅަދާނަ މީހެއް ތިޕާޓީއައްމުހިއްމީވެސް އެކަހަލަ މީހުން