މ. މުލި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑް ވޯލް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މުލީގެ އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި އެއް އަހަރު ދުވަހުން ނިންމާ ގޮތަށް 221.7 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން ބިން ހިއްކަނީ އެއާޕޯޓްގެ ރަންވޭ އެޅުމަށް ބޭނުންވާ ސަރަހައްދެެވެ. އެގޮތުން 1200 މީޓަރުގެ ރަންވޭއެއް އަޅަން ވަނީ ޕްލޭންކޮށްފައެވެ.

ބިން ހިއްކުމަށް ބަންޑް ވޯލް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ ހަފްތާގައެވެ.

އޭގެ އިތުރުން ޓާމިނަލް ބިލްޑިންއެއް ވެސް އަޅަން ނިންމާފައިވާ އިރު އެ ބިލްޑިންގެ ފައުންޑޭޝަން މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

އެ މަޝްރޫއުގައި ހިމެނޭ ފަޔާ ބިލްޑިންގްގެ ކޮންކްރިޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި 12އަށް ވުރެ ގިނަ އެއާޕޯޓް ގާއިމްކޮށްފައިވާއިރު، އިތުރު އެއާޕޯޓްތައް ވެސް ގާއިމްކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް 30 މިނެޓު ތެރޭގައި ދެވޭނެ އެއާޕޯޓް ގާއިމްކުރުމެވެ.