ކުރިއަށް އޮތް ފިތުރު އީދުގެ ބައެއް ދުވަސްތަކުގައި އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފިތުރު އީދާއި މެއި އެއް ވަނަ ދުވަހު ފާހަގަ ކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ވެސް ބައެއް ދުވަސްތަކުގައި ބަންދުވާނެ ކަމަށެވެ.

އެކަމަކު، އައިޕީޑީ އާއި އިމަޖެންސީ ހިދުމަތް އެ ދުވަސްތަކުގައި ލިބޭނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދު ވާނީ އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަސް އަދި ބުރާސްފަތި ދުވަހުއެވެ.

އެކަމަކު، އައިޖީއެމްއެޗް އިން ބުނީ އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ހެނދުނު 9:00 އިން 4:00 އަށް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ވަނީ އަންނަ ހޯމަ ދުވަހަށެވެ.