ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށީގެ ބްލޮކް އިންސްޓޮލޭޝަން މަސައްކަތުގެ 59 އިންސައްތަ މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އަދި އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްވެސް އެ ކުންފުނިން ކުރަމުންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، 276 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން އަދި 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުއަކީ 53.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.