ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރަނީ ސަރުކާރުން ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތައް މަޖިލީހުން ބެލިޔަ ނުދޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހާމަކޮށްފިއެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީގް އުމަރު ވިދާޅުވީ މި ދައުރުގެ ޖަލްސާތައް މަސައްކަތް ނެތިގެން އަވަހަށް ނިންމާލާއިރު، ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތައް މި ގައުމުގައި އެބަހުރި ކަމަށެވެ.

އެހެންނަމަވެސް އެ މައްސަލަތަކާއި ގުޅިގެން އެންމެ އެކަށިގެންވާ ގޮތެއްގައި މަޖިލީސް މަސައްކަތް ނުކުރާ ކަމަށާއި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށްފައި ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މަޖިލިސް ހިސޯރުކޮށްގެން ވެރިކަން ކުރުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ރީތި ހަމަތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި ސަރުކާރުން އުޅެނީ ރައްޔިތުންގެ އަޑު ކަނޑުވާލަން ކަމަށް ވިދާޅުވާ ވާހަކަ އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

"ސަރުކާރުން ހިންގަމުންދާ ވަރަށް ޒިންމާދާރުކަން ކުޑަ ހަޑިހުތުރު އަމަލެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަން. އަޅުގަނޑުމެން އެހެންވީމަ ވާދަވެރި އޮޕޮޒިޝަންގެ ފަރާތުން މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލީހަކީ ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި މަގުފަހިކޮށްދޭ ތަނެއްގެ ގޮތުގައި ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ އޭރުގެ އަމާޒަކަށްވެސް ވެގެން ދިޔައީ ބާރުތައް އެއްކޮށްގެން، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހާ ސަރުކާރު އެއްކޮށްލައިގެން ވެރިކަންކުރާ ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުން ކަމަށް ވާތީ، އެހާ ހިސާބުން ފެށިގެން ތަފާތު އެކި ގޮންޖެހުންތަކާ ހަމައަށް އައިސް މިއަދު ރައީސް ނަޝީދަށް ވަރަށް ނުރައްކާތެރި އުދުވާނީ ހަމަލާއެއްވެސް ދެވި" އާދަމް ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް ހިސޯރުކޮށްފައި އޮތުމުން މިއަދު މަޖިލީހުގެ އެންމެ ފުރިހަމަ ނަތީޖާ ނުނެރެވޭ ކަމަށާއި، ކޮމިޓީތަކުގައިވެސް އެތައް ދުވަހެއް ވެފައިވާ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅުންހުރި މައްސަލަ އެބަހުރި ކަމަށް އޭނަ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކޮމެޓީތައް ވެސް ވަނީ ސަރުކާރުން ހިސޯރުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.