މި މަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 125,000 އަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް 125،000 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 103،022 ފަތުރުވެރިންނެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ މީގެ ކުރިން ފަތުރުވެރިން އަންނަ ސައުދީ އަރަބިއްޔާ، އެމެރިކާ އަދި އިންޑިއާ ފަދަ ގައުމުތަކުން އަންނަ ފަތުރުވެރިން އިތުރުވެގެން ދިއުމުންނެވެ.

މިގައުމުތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ގައުމަކީ އިންޑިއާއެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް އެގައުމުގެ 86،378 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދެވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ތިން ވަނައިގައި އޮތީ ރަޝިޔާ އެވެ. މިއަހަރު ފެށުނީއްސުރެ މާޗް މަހާ ހަމައަށް ރަޝިޔާ އޮތީ އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގަ އެވެ. އެހެން ނަމަވެސް އެ ގައުމުން ހަނގުރާމަ ފެށުމާ އެކު ފަތުރުވެރިން އަންނަ ވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 680،846 ފަތުރުވެރިން އައިސްފައިވާ ކަމަށާއި މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި ޓޫރިސްޓުންނަށް ވުރެ 6.8 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. 2019 ވަނަ އަހަރުގެ މޭއި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 730،753 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

2019 ވަނަ އަހަރު ރާއްޖެއަށް 1،702،887 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު 1،321،932 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.