ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާއި އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ރޭ ކުރިއަށް ގެންދިޔަ އިހްތިޖާޖްގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ އިދިކޮޅުން ބޭއްވި އިހްތިޖާޖްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.އަދި އެ މީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އިދިކޮޅުން ރޭގެ އިހްތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ ޕީޕީއެމް އޮފީސް ކައިރީގައެވެ. މި ހަރަކާތްތައް މެދުކެނޑުމެއް ނެތި ކުރިއަށްގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

އިދިކޮޅުން ބާއްވާ މި ހަރަކާތުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެގޮތުން ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގެ އެކި އަތޮޅުތަކުގައި ވެސް ވަނީ އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.