ޕީއެސްއެމްގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ބަލަން ނިންމައިފިއެވެ.

އެސްއޯއީ ކޮމިޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ނިހާދު ވިދާޅުވީ ޕީއެސްއެމްއަށް ތުހުމަތު ކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް އޮޑިޓް ކޮމިޓީ އުވާލައި އެ މަސައްކަތް އައުޓް ސޯސްކުރަން ނިންމި ކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށެވެ. އެހެންވެ، ޕީއެސްއެމްގެ މި މައްސަލަ ވީ އެންމެ އަވަހަށް ބަލަން ފެނިވަޑައިގަންނަވާ ކަމަށް ވެސް އެމްޑީޕީގެ މެމްބަރު ނިހާދު ވިދާޅުވިއެވެ.

"އެއީ އެފަދަ ކަމެއް ހިނގާ ކަމުގައި ވެއްޖެ ނަމަ، އަޅުގަނޑުމެން މޮނިޓަ ކުރަން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ." އެސްއޯއީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނިހާދު ވިދާޅުވިއެވެ.

އެ މައްސަލަ އަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީއެވެ. އެ މައްސަލަ ކޮމިޓީން ބަލަން ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަން ނިންމުމާ ގުޅިގެން މައުލޫމާތު ހޯދަން ޕީއެސްއެމް އަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ މައުލޫމާތުދޭން ވަކި މުއްދަތެއް ދޭނެ ކަމަށް ވިދާޅުވިއެވެ.

އެއަށް ފަހު، ކޮމިޓީގައި އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޕީއެސްއެމަށް ތުހުމަތު ކުރެވޭ 100 މިލިއަން ރުފިޔާގެ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ނިހާދު ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކޮމިޓީގައި އޭނާ ނުދެއްވައެވެ.

ދައުލަތުގެ މީޑީއާ އިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލަން ނިންމީ، ވޭތުވެ ދިޔަ 14 މަސްދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް އެ ކުންފުނިން އެދޭ މިންވަރަށް ހާސިލް ނުވާތީ ކަމަށެވެ. އަދި އެ ކުންފުނީގެ އޮޑިޓްގެ މަސައްކަތްތައް ކުންފުނިން ބޭރުގެ ބަޔަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ޕީއެސްއެމްއާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް މީގެކުރިން ވެސް ފެންމަތިވެފައިވެއެވެ. އެ މައްސަލަތަކާ ގުޅިގެން ބައެއް މީހުންނާ މެދުގައި ފިޔަވަޅު ވެސް އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޔު

    ސާބަހޭ ޤައުމާއިގެން ކުރިޔަށް

  2. ސަމްސިއްޔާ

    އަދި ތިޔައަށްވުރެންވެސް ގިނަވަނެ. ސެޓްލިންކް ކިޔާ ވަގުވިޔަފާރި ކުރާ ކުންފުންޏަކަށްވެސް ވަރަށް ފައިސާ އެޑްވާންސްކޮށް ދީފައިހުރީ، ބޮޑުންނަށް ބައިއަޅާގޮތަށް.

  3. ހުސޭނުބޭ

    ލޮލުންތަ ބަލަނީ. ތި ކަމުގައި އެމްޑީޕީ ބޮޑަކު އުޅޭނަމަ ތިކަމެއް ނުވާނެ