ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ތެރޭގައި ބަންގްލަދޭޝްގެ ވެއިޓަރަކަށް ވަޅިން ހަމަލާދީ ހިންގި މާރާމާރީއެއްގައި ވެއިޓަރު މަރުވި މައްސަލައިގާ އެ ރެސްޓޯރެންޓްގެ ޕާކިސްތާން ޝެފް، މުހައްމަދު އާބިދުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ 'ހާންޖީ' ރެސްޓޯރަންޓުގެ ތެރޭގައި 16 އޭޕްރިލްގައި ހިނގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝް ވެއިޓަރެއް ކަމަށްވާ އެމްޑީ ޝަމީމް މަރާލުމުގެ ތުހުމަތުގައި އާބިދު ހައްޔަރުކޮށްފައި ވަނީ ފިލައިގެން އުޅެނިކޮށެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ. އެތަނަށް ދިއުމުގެ ކުރިން ފިލަން އޭނާ މާލެ ދިޔަކަމަށްވެސް ވެއެވެ.

އެ މައްސަލައިގާ ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާހިނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އާބިދު ދަންނަ މީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާ އަކީ ވަރަށް ރުޅިގަދަ މީހެކެވެ. އަދި މަރާލުމުގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި މާރާމާރީ ހިންގާ ކަމަސް އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން ވަނީ ކިޔައިދީފައެވެ.

ވެއިޓަރު މަރާލާފައިވަނީ ވެސް އެ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައެވެ. ހަމަ ނުޖެހުމުގައި ވެއިޓަރުގެ ކަރަށާއި މެޔަށް ވަޅިން ހަމަލާ ދީފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މީގެ ކުރިން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި އަޑުއެހުމެއްގައި އާބިދު ވަނީ ހަމަލާދިން ކަމަށް އިއުތިރާފުވެފައެވެ. އެކަމަކު ކުށުގެ ނިޔަތް ނެތް ކަމަށާއި ހަމަލާދިނީ މަރާލަން ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެއީ ދިފާއުވާން ދިން ހަމަލާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ބަންގްލަދޭޝް ވެއިޓަރު މަރާލީ ރޯދަމަހުގެ ތެރޭގައެވެ.