މިދިޔަ ރޯދަ މަހުގެެ ތެރޭގައި ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ވެއިޓަރަކަށް ތޫނުއެއްޗަކުން ހަަމަލާދީ މަރާލާފައިވަނީ މިޔަކުޑަ ކިވީ ބްރޭންޑްގެ ވަޅިއަކުން ކަމަށް ބެލެވޭ ކަމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރި ހެކިވެރިޔަކު ހެކިބަސް ދެމުން ބުނެފިއެވެ.

އެ ރެސްޓޯރެންޓުގެ ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އެމްޑީ ޝާހީން ނަމަކަށް މީހާއަށް ވަޅިން ހަމަލާދީ މަރާލާފައި ވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ރެސްޓޯރެންޓުގައި މަސައްކަތްކުރި ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދުގެ މައްޗަށެވެ.

ބަންގްލަދޭޝް މީހާ އަށް ހަމަލާ ދިން އާބިދް ހައްޔަރުކޮށްފައިވަނީ ހަމަލާ ދިން ދުވަހުގެ މެންދަމު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިލައިގެން އުޅެނިކޮށް އަތިރިމަތިންނެވެ. އޭނާ ހުޅުމާލޭ ދެވަނަ ފިޔަވައްސަަށް ދިޔައީ މާލެ ވެސް އައުމަށް ފަހު ކަމަށް ފުލުހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ވަނީ މައްސަލައިގައި ހިމެނޭ ދެ ސީން އޮފް ކްރައިމް އޮފިސަރުންގެ ހެކިބަސް ނަގާފައެވެ.

ފުރަތަމަ ކޯޓަށް ހާޒިރުކޮށްފައިވަނީ 2018 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ސީން އޮފް ކްރައިމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ހާޒިރުކޮށްފައިވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ދެ ރިޕޯޓެއްގެ ސައްހަކަން ކަށަވަރުކުރުމަށެވެ.

މިއަދުގެ ޝަރީއަތުގައި އޭނާ ވިދާޅުވީ ސީންއަށް އޭނާ ދިޔައިރު ބަދިގެ ތެރެ ވަނީ ސާފުކޮށްފައި ކަމަށެވެ. އެކަމަކު، ކޮންމެވެސް ވަރަކަށް ލޭގެ ނިޝާން ހުރި ކަމަށާއި އެތަނުން މައްސަލައާ ގުޅޭ މާއްދީ ހެކި ނަގާ ފުލުހުންގެ ލެބޯޓަރީއަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން، ބަދިގެ ތެރެއިން، ހަމަލާދިން ކަމަށް ބެލެވޭ ވަޅިތަކެއް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ވެއިޓަރުގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު ބޮޑަށް ބެލެވެނީ ހަމަލާދީފައިވަނީ ކިވީ ބްރޭންޑްގެ މިޔަކުޑަ ވަޅިއަކުން ކަމަށް ވިދާޅުވިއެވެ.

މިއަދު ހާޒިރުކުރި ދެވަނަ ހެކިވެރިޔާ އަކީ 2014 ވަނަ އަހަރުން ފެށިގެން ސީން އޮފް ކްރައިމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވެސް ހާޒިރުކޮށްފައިވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ރިޕޯޓެއްގެ ސައްހަކަން ކަށަވަރުކުރާށެވެ.

އޭނާ ވަނީ ވެއިޓަރުގެ ހަށިގަނޑާ އަންނައުނު ބަލާ ފާސްކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ތިން ހެއްކެއްގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ. މައްސަލައިގެ ޝަރީއަތް ފެށުމާއެކު ދައުލަތުން ވަނީ ފަހަށް ރައްކާކުރާ ގޮތަށް ހެކިބަސް ނެގުމަށް އެދިފައެވެ. މައްސަލައިގައި ހިމެނޭ ގިނަ ހެކިވެރިންނަކީ ބިދޭސީން ކަމުން އެމީހުން ރާއްޖެއިން ބޭރަށް ފުރަން ބޭނުންވާތީ އޭގެ ކުރިން ހެކިބަސް ނަގައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ވެއިޓަރު މަރާލުމުގެ ކުރިން އެ ދެ މީހުން ވަރަށް ގަދަޔަށް ޒުވާބު ވެސް ކޮށްފައިވެއެވެ. އާބިދު އަކީ އާންމުކޮށް ވެސް ރުޅި ގަދަ މީހެއް ކަމަށް އެތަނުގައި މަސައްކަތް ކުރި ބައެއް މީހުން މީގެ ކުރިން ބުނެފައިވެއެވެ.

ވެއިޓަރު މަރާލީ ގަސްތުގައި ނޫން ކަމަށާއި އަތް ހޫރާލީ ނަފްސުގެ ދިފާއުގައި، ވަޅި އޮތްކަން ނޭނގި ކަމަށް ވެސް އާބިދު މީގެ ކުރިން ވަނީ ޝަރީއަތުގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީ މުންކޮ

    މަރަށް މަރުހިފާށޭ އިސްލާމީ ޝަރީއަތެއް މިތާގާއިމު ކުރާށޭ ކީއްވެހޭ މިކަންކުރަން ނުކެރިގެން ތިޔައުޅެނީ ކޮބާހޭ މަރަށް މަރުހިފުމަށް ހުރި ހުރަހަކީ

    22
    1
  2. ކުރަނޑިފަތި

    ވީމާ ގޯހީ އެވައްތަރުގެ ވަޅިއެއްނު. ކަސްޓަމުން ތިވައްތަރުގެ ވަޅި އެތެރެކުރުން ހުއްޓުވާ. އޭރުން މީހުން މެރުން ރާއްޖޭން ހުއްޓޭނެ

    18
  3. ޖ

    މަރައް މަރުހިފާ މަރައް މަރުހިފާ

  4. Anonymous

    ތިއީ ބޭކާރު ވާހަކަތައް. ބޭނުންވަނީ އޭނާ ކުރި ކުށަށް ކަނޑައަޅާ އަދަބާއި، އެއަދަބު ތަންފީޛުކުރެވޭ ގޮތް ބަލަން.

    1
    1