އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޕެކްޓާ ކޯހުގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓްރީގެ ހަތަރު މުވައްޒަފުން އިނގިރޭސި ވިލާތަށް ދިޔުމަށް ފުރައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އިނގިރޭސި ވިލާތުގެ ޑިޕާޓްމަންޓް ފޯ ޓްރާންސްޕޮޓޭޝަންގެ ފަރާތުން އެ ކޯސް ކުރިއަށް ގެންދަނީ މި މަހުގެ 26 ވަނަ ދުވަހުން އަންނަ މަހު ތިނަކަށް އިނގިރޭސި ވިލާތުގައި ކަމަށެވެ.

އެ ކޯހުގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަންގެ ހަތަރު މުވައްޒަފުން އިނގިރޭސި ވިލާތަށް ދިޔުމަށް ފުރާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީއިން ބުނީ ކޯހުގެ ހުރިހާ ހަރަދެއް ވެސް އިނގިރޭސި ވިލާތުން ހަމަޖައްސާފައިވާ ކަމަށާއި އެ ކޯހަކީ ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު ގާއިމު ކުރެވިފައިވާ ގާތް ގުޅުމުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނިޒާމްގެ ސިޔާސަތުތައް ކަނޑައަޅާ އެ ނިޒާމް ތަންފީޒް ކުރަމުންދާ މިންވަރު ދެނެގަތުމުގެ ޒިންމާ އަދާ ކުރުމުގައި ޝާމިލްވާ މިނިސްޓްރީގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، ވައިގެ ދަތުރު ފަތުރާއި ބެހޭ މައި ޖަމިއްޔާ ކަމުގައިވާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑަށް މުވައްޒަފުން ތަމްރީން ކުރުމުގެ މަގްސަދުގައި ކުރިޔަށް ގެންދެވޭ ތަމްރީން ކޯހެއް މިއީ." ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޕެކްޓާ ކޯހަކީ ގައުމު ތަކުގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމްގައި ކަނޑަ އަޅާފައިވާ ކަންކަން ތަންފީޒް ކުރުމަށް ޒިންމާ ކުރެވިފައިވާ މުވައްސަސާތަކުން އެއާޕޯޓްތަކުގައި ދެމުންދާ ހިދުމަތުގެ ތެރެއިން އޭވިއޭޝަން ސެކިޔުރިޓީ ހަރަކާތްތައް ތަންފީޒް ކުރަމުންދާ މިންވަރު ބަލާ، ކަންކަން އިސްލާހު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންޓަރނެޝަނަލް ބެސްޓް ޕްރެކްޓިސް ކޯހުގެ ބައިވެރިންނަށް ބުނެދެވޭނެ ގޮތަށް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އިން ފަރުމާކޮށްފައިވާ ތަމްރީން ޕްރޮގްރާމެކެވެ.

އިނގިރޭސި ވިލާތުގެ ޑިޕާޓްމަންޓް ފޯ ޓްރާންސްޕޮޓޭޝަންގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ތަފާތު އެހީތެރިކަން ފޯރޮކޮށް ދެމުންދާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އެ ގޮތުން މި މަސައްކަތުގައި ބޭނުން ކުރާނެ 10 އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަން މެޝިން ހަދިޔާ ކުރުމާއި، އެއާޕޯޓްގެ ސަލާމަތީ ރައްކާތެރި ކުރުމުގެ މަސައްކަތް ތަންފީޒް ކުރުމުގެ ޒިންމާ އަދާކުރާ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ފޯރުކޮށް ދިނުމުގެ އިތުރުން އެއާޕޯޓު ހިންގާ ފަރާތުގެ ސެކިޔުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފާ ދެމުން ގެންދާ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިޒާ

    ޕާޓީ ކުދިންނަށް ޓްރެއިނިންގ ދިނެއްކަމަކު ވާނެ ފައިދާއެއް ނޯންނާނެ އަނެއްކާ ވެރިކަން ބަދަލު ވުމުން އެމީހުންވެސް ބަދަލުކުރަންޖެހޭ

  2. ލވތ ކޅ

    ހުވާ ތިޔަ ގުރޫޕް ކޯޓް ފަޓުލޫނު ލައިގެން ތިބި އިރުވެސް މޫނު މަތިން ނުޖަހައޭ އިހްލާސްތެރި ބައެއް ވައްތަރެއް ވެސް ވަގު ވައްތަރު ޖަހަނީ !

    3
    1