ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން، އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހު ފާހަގަކުރި ދުނިޔޭގެ ޔޯގާ ދުވަހުގެ މުނާސަބަތުގައި ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި ގަލޮޅު ދަނޑުގައި ވަނީ ޔޯގާގެ ބޮޑު ހަރަކާތެއް ބާއްވާފައެވެ. މި މައްސަލަ ހޫނުވެފައިވަނި އެއީ ޝިރުކެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް އެ ސަރަހައްދަށް އެއްވި ބަޔަކު ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގުމާ ގުޅިގެންނެވެ.

މި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ބައެއް މީހުން ކޯޓުން މިނިވަން ވެސް ކުރިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ އެ މައްސަލައިގައި ފުލުހުން އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ނެޝަނަލް ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުންނެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާނާއި ފަޒްލޫން މުހައްމަދު ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން، ޝެއިހް ފަޒްލޫން ވަނީ ޝަރުތުތަކަކާއިއެކު ކޯޓުން މިނިވަންކޮށްފައެވެ. އެކަމަކު، އޭނާ އަލުން ހައްޔަރުކުރުމަށް ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ. ޝެއިހް ނިޝާން އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢހ

    ލިވާތު ކުޅީގެ މީހުން ހައްޔަރު ނުކުރަނީ ސަރުކާރަށް އެކުޅި އޯކޭވީމަތަ؟

  2. Anonymous

    ކަލޭމެން މުޅި ރާއްޖޭގެ އެއްމެން ހައްޔަރު ކުރިޔަސް ހަރާކަމެއް ވާނީ ހަރާންކަމަކަށް އަދި ހައްޔަރީން ދޫކުރަންވެސް ޖެހޭދުވަސް އަންނާނެ. އިންޑިއާ ހިތްރުއްސަން ކުރާކަންތައް.