ނައިބު ރައީސް ހދ. ކުޅުދުއްފުއްޓަށާއި ހދ. ނޮޅިވަރަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަންނަވާނީ ކުޅުދުއްފުއްޓަށް ކަމަށެވެ. އެ ސިޓީއަށް ވަޑައިގެން މިއަހަރުގެ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާޖަލްސާ ޝަރަފުވެރިކޮށްދެއްވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އަދި ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ބާއްވާ އެ ސިޓީގައި ބާއްވާ މައުރަޒު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

މިދަތުރުފުޅުގައި ނައިބު ރައީސް ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރައްވައި އަދި އެރަށު ސްކޫލާއި ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.